English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފިއެވެ.

ރައީސް ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވީ މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ޔާމީން ސޮއި ކުރެއްވި ފޯމާއި ހަވާލުވެލެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ.

ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ.

މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

މި ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު، މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި، ޑރ. އަބްދުﷲ ޖިހާދު ފަދަ ބޭފުޅުންނެވެ.