English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީން ކުރިއަށް އޮތް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ”އެޖެންޑާ 19” އިން ކަމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ އައްޑޫ ސިޓީގެ ކެންޑިޑޭޓުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އައްޑޫ ސިޓީ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗު ކުރުމުގެ ހަފްލާގައި އައްޑޫގެ ދާއިރާތަކުން މަޖިލިހަށް ވާދަކުރައްވަވާ ކެންޑިޑޭޓުން ވަނީ ވާހަކަ ދައްކަވާފައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އިލްޔާސް ލަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުތީ މުޅި ރާއްޖެ ބަދަލުކޮށްލާ ފަދަ މެނިފެސްޓޯއަކާ އެކު ކަމަށެވެ. އަދި އެ މެނިފެސްޓޯއަކީ އެތައް ކަންތަކެއް ބެލުމަށް ފަހު ހަދާފައިވާ މެނިފެސްޓޯ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ، އެ ތަރައްގީ ވަނީ 19 ވަނަ ގާނޫނީ އޮނިގަނޑު ތެރޭގައި ހިމެނިފައި ކަމަށެވެ. އެގޮތުން އެޖެންޑާގައި ހިމެނޭ ބައެއް ކަންކަމުގެ ތަފްސީލު އިލްޔާސް ވަނީ ދެއްވާފައެވެ.

ފޭދު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ނިހާދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ހަތް ކެންޑިޑޭޓުން ނުކުމެ ތިބި އައްޑޫ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ހަމައެއާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ތަންފީޒުކޮށް އައްޑޫ ރައްޔިތުންނާ ހަމަޔަށް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ގެނެސްދޭނެ ކަމުގެ ޔަގީންކަން ނިހާދު ވަނީ ދެއްވާފައެވެ.

އައްޑޫ މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވީ، އެޖެންޑާ 19 އަކީ އައްޑޫ ރައްޔިތުންގެ ހައްގު ހިމާޔަތްކޮށް ތަރައްގީ ގެނެސްދޭނެ އެޖެންޑާ ކަމަށެވެ.

އައްޑޫ ސިޓީގެ މަރަދޫގައި ރޭ ބޭއްވި މި ޖަލްސާގައި ރައީސް އިބްރާހިމް ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.