English Edition
Dhivehi Edition

ހިންދު ކަނޑުގައި ހާރެއްހެން ދެމިފައިވާ މުތީތަކެއްފަދަ ދިވެހި ޖަޒީރާތަކުގެ ނާޒުކު ކަމާއެވެ. ތިމާވެށީގެ ގޮތުން އެ ޖަޒީރާތަކަށް ގުދުރަތުން ހަދިޔާ ކޮށްދެއްވި ރީތިކަމުގެ ފުރިހަކަމާއެވެ.

ދުނިޔޭގައި ރާއްޖެ ނޫނަސް ދޮންވެލި ގޮނޑުދޮށްތައް ހިމެނޭ ގައުމުތައް މަދެއްނޫނެވެ. އެހެންނަމަވެސް އެގައުމުތަކާ ދިވެހިރާއްޖެއާ ތަފާތުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ތަފާތަކީ ތިމާވެއްޓެވެ. އެހެން ގައުމަކަށް ގުދުރަތުން ދެއްވައިފައި ނުވާވަރުގެ ރީތި ތިމާވެއްޓެއް ދިވެހިރާއްޖެއަށް ދެއްވާފައިވެއެވެ. ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގެ ދިރުން ތަފާތެވެ. އޭގެ ރީތިކަމާއި ނަލަކަން މާފުރިހަމައެވެ. ކަނޑުތަކުގެ ސާފުކަން އިތުރުވެފައި ލޮލަށް ފަސޭހައެވެ.

ފަތުރުވެރިން ރާއްޖެއަށް އައުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ދިވެހި ކަނޑުތަކާއި، ފަޅުތަކަށް ފީނުމެވެ. ކަނޑުއަޑީގެ މަންޒަރުތައް ބަލައި އުފާ ލިބިގަތުމެވެ. ކުލަކުލައިގެ މަސްމަހާމެހީގެ ހާލިތައް ހަމަލޮލުން ދުށުމެވެ. އެސޮރުމެންގެ ހިތްގައިމު ހަރަކާތްތައް ބަލައި އުފާހޯދުމެވެ. އެމީހުން އެކަންކުރަނީ ފައިސާ ދީފައެވެ. އެހެންވީމާ އެތަންތަން ވިއްކޭނީވެސް ސަލާމަތްކޮށްގެންތާއެވެ.


ބައެއް ޑައިވަރުން ބުނެފައިވާ ގޮތުގައި އެކިބޭނުންތަކަށް ބިންހިއްކުމުން ކަނޑުގެ ވެއްޓަށްވަނީ ބަދަލުގައިސްފައެވެ. ބައެއް ހިސާބުތަކުން ފަރުތައް މަރުވެފައި ކަމަށެވެ. މިއީ ދިވެހިންނަށް އުފާވެރި ޚަބަރެއް ނޫނެވެ. އައްޑޫސިޓީ ފޭދޫން ބިންހިއްކިއެވެ. އެއާޕޯޓު ހަދަން ގަމު ފަޅުން ބިންހިއްކިއެވެ. އެކަމުގެ ސަބަބުން އައްޑޫއަތޮޅުގެ ބައެއް ފަރުތައް މަރުވެފައިވާ ކަމަށް ބައެއް ޑައިވަރުންވަނީ ބުނެފައެވެ. އެހެންނަމަވެސް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން އެކަން ދޮގުކުރެއެވެ.
މިހާރު ފަރުތައް މަރުނުވެ ހުރެއްޖެ ކަމަށްވާނަމަ އެއީ އުފާކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ފަރުތައް މަރުވިޔަ ނުދީ ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ރާއްޖޭގެ ފަރުތަކާއި ކަނޑުއަޑީގެ ދިރުން މަރުވުމަކީ ދިވެހި ފަތުރުވެރިކަން މަރުވުމެވެ. ފަތުރުވެރިކަން މަރުވުމަކީ ދިވެހިން ބަނޑަށް ޖެހުން ކަހަލަ ކަމެކެވެ. އެހެންކަމުން ކޮންމެފަދަ ހާލެއްގައިވެސް ދިވެހިން ރާއްޖޭގެ ތިމާވެށްޓަށް ހިމާޔަތުގެ އަތެއް ދިއްކޮށްލަން އެބަޖެހެއެވެ.

ކުރިން އަޅުގަނޑުމެންދުށް ދޮންވެލި ފިނޮޅުތަކާއި ރަށްރަށުގެ ހިތްގައިމު ތުނޑިތައް ކޮބައިހެއްޔެވެ؟ އެ ތުނޑިތަކުގައި ރާގުރާގަށް ލަވަކިޔަމުންދިޔަ ކުލަކުލައިގެ ދޫނިތައް ކޮބައިހެއެވެ؟ އެ ދޫނިތައް ދިވެހިތުނޑިތަކާ އަލްވާދައު ކިޔައިފިއެވެ. ތަރައްގީއާއި ތަމައްދުނަށް ތަންދެމުންނެވެ. ބަނދަރުތައް ހެދުމާއި ބިންހިއްކަން ފުރުސަތު ދެމުންނެވެ.
ތަރައްގީގެ ނަމުގައި ތިމާވެށި ގުރުބާން ކުރާކަމަށްވާނަމަ މުރަކައިގެ ހިތްގައިމު ބަގީޗާ، ސާފު މޫދު، ހުދު ދޮންވެލީގެ ގޮނޑުދޮށް، މިނަންތައް ދިވެހި ބަސްކޮށާރުން އުނިކުރަންވެސް ޖެހިދާނެއެވެ.

ދިވެހި ޖަޒީރާ ރަށްތަކުން ކުރިން ފެނުނު ފެހިކަން ކޮބައިހެއްޔެވެ؟ އިންސާނުން އާބާދުވުމަށާއި އެހެނިހެން ބޭނުންތަކަށް ގުރުބާން ކޮށްފިއެވެ. އައްޑޫސިޓީއަށް ބެއްޔަސް ކުރިން ފެނުނު ބިޔަގަސްތަކެއް ނެތެވެ. ބިޔަ ބަނބުކެޔޮގަސްތައް ކޮބައި ހެއްޔެވެ؟ ކަނޑައި ހުސްކުރީއެވެ. ނަތީޖާއަކަށްވީ އައްޑޫގެ ރަމްޒު ކަމަށްވާ ދޮންދީނި މަދުވުމެވެ. ދޮންދީނި އައްޑޫސިޓީން ހުސްވެދާނެ ކަމުގެ ބިރުވެސް މިހާރުއެބައޮތެވެ. ބިޔަ ގަސްގަގަކީ އެސޮރުމެންގެ ހާލިތަކެވެ. ޖަގަހަތަކެވެ. ބަނބުކެޔޮގަސްތައް އެކަންޏެއްނޫނެވެ. ހިޔައުލިބޭ އެފަދަ އެހެން އެތައްގަހެއް މިބިމުން ނެތިވެ ހިނގައްޖެއެވެ.

ޖައްވު ހޫނުވާ ވާހަކައާއި ކަނޑުގެ ދިޔަބޮޑުވާ ވާހަކައަކީ އެއީ ދައްކާ ވާހަކައެއް ނޫނެވެ. ސައިންސްވެރިން ބުނަނީ އެއީ ހަގީގަތެއް ކަމަށެވެ. މިއީ ރާއްޖެފަދަ ނާޒުކު ގައުމަކަށް ހަޖަމްކުރަން ފަސޭހަ ވާހަކައެއްނޫނެވެ. އެއްކަންފަތުން އަޑުއަހައިފައި އަނެއް ކަންފަތުން ނެރެލެވޭނެ ވާހަކައެއްވެސް ނޫނެނެވެ.

ދިވެހިން ބޭރުމީހުންނަށް ވިއްކަން ބަހައްޓައިފައިހުރި ދޮންވެލި ގޮނޑުދޮށްތަކުގެ ވަށައިގެންވަނީ ޕްލާސްޓިކް ކޮޅާއި، ދަޅާއި ފުޅިއެވެ. އެއީ ކޮންމެ ބަޔަކު އުކާލާ އެއްޗަކަށްވިޔަސް އެއީ ތިމާވެށްޓަށް އެންމެ ނުރައްކާތެރި އެއްބާވަތްތަކެވެ. ދިވެހިންގެ ސާފު ގޮނޑުދޮށްތަކުން ދޭސީންނާއި ބިދޭސީން އުފާހޯދަމުންދާއިރު ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި ދަޅުފަދަ ތަކެތިން ގޮނޑުދޮށްތައް ފުރާލައިފައި އޮތުމަކީ ކޮންފަދަ ދެރަކަމެއްހެއްޔެވެ؟
މިހުރިހާ ކަމަކަށް ވިސްނައި ދިވެހިން ދިވެހިންގެ ތިމާވެށި ހިމާޔަތް ކުރަމާ ހިނގާށެވެ. ވާހަކަ ދައްކައިގެންނޫނެވެ. އަމަލުކޮށްގެންނެވެ.