ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި، ބައިވެރިވެވަޑައިގެން ހުންނެވީ އެ ޕާޓީގެ ކެމްޕޭނުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެެވެ.
އަމީނިއްޔާ ސްކޫލްގައި ރޭ ބޭއްވި އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އެ މަނިކުފާނު އަމަލީ ގޮތުން ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެމްޑީޕީގެ މެމްބަރުންނަށް ޔަގީންކޮށް އެރުވުމުގެ ގޮތުން ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ އެ ޕާޓިގެ ކެންޑިޑޭޓު ކަމަށާއި، އެކަން އެ މަނިކުފާނަށް ސާފު ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް އެމްޑީޕީން ކުރިމަތިލާފައި ވަނީ ކުރީގެ އިންތިހާބުތަކުގެ ނާކާމިޔާބީގެ ތަޖުރިބާގެ އަލީގައި ކަމަށެވެ. އެހެންކަމުން މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރަން ބޭނުންވަނީ އެއްމެން އެއް ޓީމެއްގެ ގޮތުގައި އެއް އަޒުމެއްގައި މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
“މަޖިލީހުގެ ބޮޑު ބައެއް އެމްޑީޕީއަށް ބޭނުންވޭ. މަޖިލީހަކީ ދައުލަތެއް ހުއްޓުވާލެހޭ ބާރު އޮތް ތަނެއް އެހެންކަމުން ޕާޓީން ވީ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ބޮޑު ހިއްސާއެއް މަޖިލީހުގައި އޮންނަން ޖެހޭ . އެމްޑީޕީގެ މެމްބަރުންނަކީ އެ ވައުދުތަކަށް ތާއީދުކުރާ ބައެއް ކަމާ މެދު ޝައްކެއް ނެތް ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީން މިފަހަރު ނިކުތީ ވޭތުވެ ދިޔަ ސަރުކާރުން ކުރި ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ އެކަހަލަ ކަންކަން ކުރާ މީހުން ޖަވާބު ދާރީ ކުރެވެން ޖެހޭ ކަމަށެވެ. އަދި ދެން އަންނަ ސަރުކާރަކަށް ވެސް އެ ޒާތުގެ ކަންކަން ނުކުރެވޭ ގޮތް ހެދޭނީ އެމްޑީޕީން ގަބޫލުކުރާ އުސޫލުތަކަށް ގާނޫނޫތައް ބައްޓަން ކުރެވޭ މަޖިލީހެއް އޮވެގެން ކަމަށް ވިދާޅުވެފައެވެ.