އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް މިނިސްޓަރު މަރުޙަބާ ދެންނެވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްޤީ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ދެ ބޭފުޅުންގެ މަޝްވަރާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު 2018 ވަނަ އަހަރުގެ ނޮވެމްބަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އާއެކު އޮތް ގުޅުމުގެ ތެރެއިން ހާސިލްވެފައިވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ކުރެއްވި ދަތުރުފުޅާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ފާހަަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅުތަކުގައި ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ފްރޭމްވާރކްއަކަށް އެއްބަސްވެފައިވާ ކަމަށް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންތައްތަކެއް ހާސިލްކުރުމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި އިންޑިއާ ޑިވިޜަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ކައުންސެލަރ (ޕޮލިޓިކަލް) އަރުޗަނާ ނައިރުއާއި ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތު ހަންޑޫއާއި ފަސްޓް ސެކްރެޓަރީ ސުބާޝް ރާމާކްރިޝްނަ ޕިލައި، އަދި ހެޑް އޮފް ޗާންސަރީ ޝިތާންޝޫ ޗޯރަސިޔަ ބައިވެރިވެވަޑައިގަތެވެ.