English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ފޭދޫ ދާއިރާއިން އަމިއްލަ ގޮތުން ވާދަކުރައްވަވާ ކެންޑިޑޭޓް އިބްރާހިމް ދީދީ (އައިބީ) ގެ ކެމްޕެއިން ޖަގަހައެއް މާލޭ ގައި ހުޅުވައިފިއެވެ.

މި ޖަހަގަ ހުޅުވައި ދެއްވެވީ ފޭދޫއަށް ނިސްބަތްވާ އިސްރައްވެހިންގެ 2 ބޭފުޅުންނާއި ފޭދޫގެ ދ ޒުވާނުންނެވެ. ޖަގަހަ ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ އަރަބިއްޔާ ފްލެޓްތައް ހިމެނޭ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

މި ޖަގަހަ އާއި ބެހޭގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އައިބީ ވިދާޅުވީ މާލޭގައި ޖަގަހައެއް ހުޅުވުމުގެ ބޭނުމަކީ، މާލޭގައި ދިރިއުޅޭ ފޭދޫ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ކެމްޕެއިންގެ ހަރަކާތްތައް ހިނގާ ނުހިނގާގޮތް އޮޅުންފިލުވައިދިނުން ކަމަށެވެ. އަދި ދާއިރާ އަށް ވޭތުވެ ދިޔަ ފަސް އަހަރު ކުރެވިފައިވާ ކަންތައްތަކުގެ މަޢުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު، ކުރަން މިއުޅޭ މަސައްކަތް، ފޭދޫ ދާއިރާގެ ރައްޔިތުންނަށް ހާމަކޮށްދިނުމަކީވެސް ޖަގަހަ ހުޅުވުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމުގަ އައިބީ ވިދާޅުވިއެވެ.

އައިބީގެ ކެމްޕެއިން ޖަގަހައެއް މާލޭގައި ހުޅުވާފައިވާއިރު މާޗް މަހުގެ 8 ވަނަ ދުވަހުގޭ އައިބީގެ ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތު ކުލަ ގަދަކޮށް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި އިވެންޓް އޮންނާނީ ފޭދޫގައެވެ. މި ޖަލްސާގައި ކުރިއަށް އޮތް ފަސް އަހަރު އައިބީގެ މެނިފެސްޓޯ ވެސް އިޢުލާން ކުރާނެ އެވެ.

އައިބީ ވިދާޅުވީ ފޭދޫގައި ކެމްޕެއިން ލޯންޗިން އިވެންޓް ބޭއްވުމަށްފަހު މާލޭގައި ވެސް އެފަދަ އިވެންޓެއް ބާއްވަވާނެ ކަމަށެވެ.

އައިބީ އަކީ މިހާރުވެސް ފޭދޫ ދާއިރާ ތަމްޞީލް ކުރައްވަމުން ގެންދަވާ ، ފޭދޫގެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވެވި ބޭފުޅެކެވެ. 19 ވަނަ މަޖިލިހަށް އައިބީ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.