English Edition
Dhivehi Edition

ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނަކީ ކުޅޭ ޝޯއެއް ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޙަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލްހާން ވަނީ، ގާނޫނު ހަދައިގެން ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވާ ކޮމިޓީއަކަށް ކުރެވޭނީ ކޮންކަމެއްތޯ ވިދާޅުވެ ކޮމިޝަންގެ މަސައްކަތާއި ގުޅޭ ގޮތުން ސުވާލު އުފައްދާފައެވެ. މީގެ އިތުރުން އަލްހާން ވިދާޅުވީ ދިވެހި ރާއްޖޭގެ ފުލުހުންނާ އަދި ބައިނަލް އަގުވާމީ އިންޓެލިޖެންސް ބޭނުންކޮށްގެންވެސް މައުލޫމާތު ހޯދާފައި ހުރި މައްސަލަތަކަށް މިހާރު އުފައްދާފައިވާ ކޮމިޝަނަށް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. ” ހުސްނުއްސުއޫދަކީ ތަހުގީގު ކުރުމުގެ ކޮން ތަޖުރިބާއެއް ލިބިފައި ހުރި ބޭފުޅެއްތޯ؟.ކޮމިޝަނަށް ގާނޫނަކުން ބާރު ދެވޭނެ ހަމައެއް ހަގީގަތުގައި ނޯންނާނެ.ދުސްތޫރީ ދައުލަތެއްގައި އެކަން ކުރާނަމަ އެހެދެނީ ގޯހެއް”އަލްހާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފައްދާފައިވާ ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ ކޮމިޝަންގެ ހަގީގީ ބޭނުމަކީ ނުހަމަ ގޮތުގައި ދައުލަތުގެ ބާރުތައް ނަގަންވެގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ.މީގެ އިތުރުން އަލްހާން ވިދާޅުވީ މިހާރު އެކްޓިން ސީޕީއަކަށް ހުންނެވީ މި ސަރުކާރުން އައްޔަން ކުރި މީހެއްކަމަށާއި އިހުލާސްތެރިކަމާއެކު އެކަން ކުރަން ބޭނުން ނަމަ ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށް، އެކަން ކުރަންވީ ކަމަށެވެ.