English Edition
Dhivehi Edition

ދުވުމުން ފަންސަވީސް ފަހަރު ރާއްޖޭގެ ރެކޯޑު ހަދައިފައިވާ ދިވެހި ދުވުންތެރިޔާ ނަސީރު އިސްމާއީލަށް މި ރާއްޖެއަކު އައްޑޫސިޓީ ވަރުގެތަނެއް ހަމަނެތެވެ.

އޭނާ އައްޑުއަށް އައީ އަލަށެވެ. މިއީ އައްޑޫމީހުންނާ އައްޑޫގެ ވެށިން ބައްދަލުވި ފުރަތަމަ ފަހަރެވެ. އޭނާ އައްޑުއަށް އައީ އޭނާ ހިންގާ ކުޅިވަރު އެކެޑެމީއާއި ރަނާސް މޯލްޑިވްސް ގުޅިގެން އައްޑޫގައި ބާއްވާ ބައިނަލް އަގުވާމީ މެރެތަންއަށް ތައްޔާރުވުމަށެވެ.

އޭނާއަށް އައްޑޫއިން ފެނުނީ ކަންފަތަށް އިވިފައިވާ ވާހަކަތަކާ ތަފާތު މަންޒަރުތެކެކެވެ. އައްޑޫ މީހުންގެ ހިތްހެޔޮކަމުން އޭނާ އަޖައިބު ކޮށްލިއެވެ. އެމީހުންގެ އެކުވެރިކަމާއި އެއްބައެއްވަންތަ ކަމުން އޭނާ އަންތަރީސްކޮށްލިއެވެ. އައްޑޫގެ ސާފު ޖައްވު އޭނާ އާސޯޚު ކޮށްލިއެވެ. އެ ޖައްވުމުގައި އުދުހެމުންދާ ދޮންދީނި ތަކުގެ ހަރަކާތް އޭނާގެ ހިތް އަތުލައިފިއެވެ. އޭނާ މިހާރު އެހުންނެވީ ހަމަ ރަނގަޅަށްވެސް އައްޑޫސިޓީއަށް ހިތްދޫކޮށްގެންނެވެ.

“ސީރިއަސްކޮށް މިބުނީ މިހާރު އަހަންނަށް އައްޑޫވަރެއްނެތް. އަހަންނަށް ފެނުނީ ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްގަލާމްކޮށް އުޅުނު އެކުވެރިންތަކެއް. އަހަންނަށް ފެނުނީ އެކުވެރިކަމާއި އެއްބައިވަންތަ މުޖުތަމައެއް. ދިވެހި ޖަޒީރާއަކުން މިނޫން ދެން ކޯއްޗެއްތޯ އިންސާނަކަށް ބޭނުންވަނީ،” އައްޑޫ ރައްޔިތުންނަށް ތައުރީފު ކުރައްވަމުން ނަސީރު އިސްމާއީލް ވިދާޅުވިއެވެ.

ނަސީރު އިސްމާއީލަށް އައްޑޫސިޓީ މުހިންމުވި ވަރަށް ޚާއްސަ ސަބަބެއް އެބައޮތެވެ. އެއީ އޭނާގެ އާއިލީމީހުން އައްޑޫއިން ފެނުމުންނެވެ. “އައްޑޫގައި ފެމިލީ އޮންނަކަމެއް އައްޑުއަށް އައުމުގެ ކުރިން އެނގިފައެއްނެތް. އެކަމަކު އައްޑުއަށް އައުމުން ފޭދުއާއި، މީދޫގައި މަންމަގެ ފެމިލީ އޮންނަކަން އެނގުނު. އެމީހުންނާ ބައްދަލުވެސްކުރިން. އެމީހުންގެ ހިތްހެޔޮކަން ފެނިފައި އުފަލުން ފުރުނު. އެމީހުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭ. ޚާއްސަކޮށް ވިމްލާ ރަޝީދު،” އޭނާ ވިދާޅުވިއެވެ.

އާއިލީ ގޮތުން އައްޑުއާ ގުޅުންއޮން މި އެތުލީޓަކީ އާދައިގެ އެތުލީޓެއް ނޫނެވެ. އެއީ ހިތްވަރުގަދަ އެތުލީޓެކެވެ. މަސައްކަތްކުރާ އެތުލީޓެކެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެމޮޅު އެތުލީޓުންގެ ތެރެއިންވެސް މޮޅު އެތުލީޓެކެވެ. އަހުމަދިއްޔާ ސްކޫލުން ދުއްވައިގަތްގޮތަށް އޭނާ ކިރިޔާވެސް މަޑުޖެހިލީ ގައުމީ އެވޯޑު ހާސިލް ކޮށްފައެވެ. ޖޭސީއައި އިންޓަރނޭޝަނަލް އެވޯޑާއި، ސާފު ޗެމްޕިއަންޝިޕްގެ ސްޓަރއޮފްދަ ގޭމްސް އެވޯޑުވެސް އޭނާގެ އަތުގައި އެބައޮތެވެ. އޭގެ އިތުރަށް ޔޫތު ނެޝަނަލް އެވޯޑާއި، ބެސްޓް އެތުލީޓު އޮފްދަ ޔިއަރ އެވޯޑާއި، ބެސްޓް ސައިކަލް އޮފްދާ ޔިއަރ އެވޯޑުވެސް އޭނާގެ އެވޯޑު ހަރުގަނޑަށްވަނީ ލައިފައެވެ.

މިހާރަށް ބަލާއިރު 800 މީޓަރު އިންޑޯ ރެކޯޑާއި، އައްޓުޑޯ ރެކޯޑުވެސް އޮތީ ނަސީރު އިސްމާއީލް އަތުގައެވެ. އެއް މޭލަށް ދުވުމުގެ ރެކޯޑުވެސް އޭނާގެ އަތުގައި އެބައޮތެވެ. މިއިން ދައްކުވައިދިނީ ނަސީރު އިސްމާއީލަކީ އާދައިގެ ބޭފުޅެއް ނޫންކަމެވެ. އެ ފަދަ އެވޯޑުތަކެއް ހާސިލް ކުރެވޭނީ ކުޅިވަރުގެ ދަނޑުގައި ލައްކަ ހިތްވަރު ކޮށްގެންނެވެ. ލައްކަ ރަނގަޅު އަޚުލާގެއްގެ ވެރިއަކަށް ވެގެންނެވެ.

ނާސީރު އިސްމާއީލްގެ ކާމިޔާބީގެ ފަހަތުގައި ލައްކަމީހުން ތިބޭނެއެވެ. އެމީހުންގެ ވާހަކަ ވަކިވަކިން ނުގެނަޔަސް އޭނާއަށް ވަރަށް ޚާއްސަ މީހަކުވެއެއެވެ. އެއީ އޭނާގެ ލޮބުވެތި މަންމައެވެ. މަންމަގެ އެހީތެރި ކަމުގެވާހަކަވެސް އޭނާ ކިޔައިދިނީ ވަރަށްކުރުކޮށްނެވެ. “މަގޭ ދުވުމުގެ ހަޔާތުގައި ހުރިހާ ކަމެއް ކޮށްދިނީ މަންނަ،” މިވަރުން އޭނާ ފުއްދާލިއެވެ.

އެ މަންމަ އައްޑޫ އާއިލާއަކަށް ނިސްބަތްވުމުކީވެސް އައްޑުއާ މެދު އޭނާގެ ހިތުގައި ގަދަރު އުފުލުނު އެއްސަބަބެވެ. ނަސީރު މިހާރު އެހުންނެވީ އައްޑޫ ފަސްގަނޑުގައެވެ. އަދިވެސް އެތުލީޓެއްގެ ގޮތުގައެވެ.

ނަސީރު އިސްމާއީލަށް އައްޑޫއިން ލިބުނީ ހީވެސްނުކުރާ ވަރުގެ މެހުމާންދާރީއެކެވެ. އެކަމުގެ ސަބަބުން އޭނާގެ އަދިވެސް އޮހެމުންދަނީ ޝުކުރާއި ތައުރީފުގެ ބަސްތަކެވެ. އެއްބައިވަންތަކަމާއި އެކުވެރި ކަމުގެ ޗޭނުން ގުޅިފައިވާ އައްޑޫ ދަރިންގެ ބަދަހި ސަފުތައް އަދިވެސް އޮތީ އިހުގައި އޮތްގޮތަށްކަން އެ މެހުމާންދާރީން އެކަނިވެސް ނަސީރަށް ކަށަވަރު ވެއްޖެއެވެ.

އޭނާއަށް ކަމުނުދާ އެއްވެސް ތަނެއް އައްޑޫގައި ނެތެވެ. ފެންނަރީތި މަންޒަރުތަކާއި އާސާރީ ތަންތަން ފޮޓޯ ނެގުމާއި ވީޑިއޯކޮށް ޕްރޮމޯޓު ކުރުމަކީ އޭނާ މިހާރު ކޮންމެ ދުވަހަކު ކުރައްވާ ކަމަކަށް ވެއްޖެއެވެ. އެ ވީޑިއޯތަކާއި ފޮޓޯތައް ބަލައިފައި ބޭރުގެ އެތުލީޓުން އައްޑޫއަށް ޒިޔާރަތް ކުރާހިތުން ތެޅިފޮޅެނީއެވެ. މަސްއައިނަކަށް އެންއުކުމުން މަސްގަނޑު ތިލަވާ ބީދައިން އައްޑޫގެ ފޮޓޯތަކާއި ވީޑިއޯ ދެއްކުމުން ބޭރުގެ އެތުލީޓުން ތިލަވެގަތީއެވެ. ނާސީރު އިސްމާއީލް މެން ބާއްވާ މެރެތަންގައި ބައިވެރިވާޖެހޭ ދެވަނަ ސަބަބެއް ނަސީރު އެއޮތީ ދައްކުވައިދީފައެވެ. ބާލިން މެރެތަން ބާއްވާ ތަނަށްވުރެވެސް އައްޑޫސިޓީ ނަސީރަށް ހަމަ ކަމުދަނީއެވެ.

ބޭރުގެ އެތުލީޓުންގެ ވާހަކަ ބާއްވަމާ ހިނގާށެވެ. ބައިނަލްއަގުވާމީ މެރެތަންއެއް ބާއްވަން ނަސީރު އިސްމާއީލަށް އައްޑޫ ސިޓީ ކަމުދިޔައީ ކީއްވެހެއްޔެވެ. އައްޑޫގެ ދިގުމަގުތަކެވެ. ދުވަން ކަނޑައަޅައިފައިވާ މަގުތަކުގެ ދެފަރާތުގައި ތިބީ ގެތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެތިބީ ފެހިކަން ގަދަ ގަސްގަހާ ގެއްސެވެ. ދުވަމުންދާއިރު އެގަސްތަކުގެ ތެރެއިން ފޫރޭނިގެން އަންނަ ފިނިވައިރޯޅި ދުވުންތެރިންގެ ގައިގައި ފިރުމައި ދޭނެއެވެ. އެވަގުތު އެމީހުންނަށް ލިބިގެންދާނެ އުފާވެރިކަމާއި ހިތްހަޖެހުން އެންމެބޮޑަށް ދަންނަ އެކަކީ ނަސީރު އިސްމާއީލެވެ.

ނަސީރު ދުވެފިއެވެ. މެޑެލްތައް ހޯދައިފިއެވެ. މިހާރު އޭނާ އެހުރީ އެހެން މީހުން ޓްރެކަށް ނެރެގެން ދުއްވަން ތައްޔާރަށެވެ. ދުނިޔޭގެ އީކުއޭޓަރ ސަރަހައްދަށް ބޭރުގެ ދުވުންތެރިން އެއްކޮށް އައްޑޫގެ ފަސްގަނޑުގައި ދިވެހިނާއެކު އެމީހުން ދުއްވުމަށް ނަސީރު އެގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމަސައްކަތަށް އައްޑޫގެ ރައްިޔުންގެ އެހީތެރިކަމަށް އޭނާ އެބައެދެއެވެ.