English Edition
Dhivehi Edition

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ބޭއްވި ޕްރޮގްރާމް ފުރިހަމަކުރި 300 މީހުންނަށް ހެލްމެޓް ދީފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް އަދި ހައިވޭގައި ދަތުރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައިވާއިރު އެ މިނިސްޓްރީން އިއްޔެ ބެހި ހެލްމެޓަކީ ސަރުކާރުން ބަހާ 5000 ތެރެއިން މާލެ ސަރަހައްދަށް ބެހި ބައެކެވެ.

300 ހެލްމެޓް ބަހާފައިވަނީ ހެލްމެޓްތައް ބެހުމުގެ ކުރިން ބައިވެރިންނަށް ކުރިއަށް ގެންދާ ހާއްސަ ކޯސް ކުރިއަށްގެންގޮސްފައެވެ. މި ކޯހަކީ ހޭލުންތެރިކުރުމާއި، އެކްސިޑެންޓެއް ވެއްޖެނަމަ އެމީހަކާއި މެދު ކަންތައް ކުރަން ޖެހޭނެ ގޮތާއި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ދެ ގަޑައިރަށް ބާއްވާ ކޯހެކެވެ.

މާލެ ސަރަހައްދަށް 2500 ހެލްމެޓް ބެހުމަށް ހަމަޖެހިފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިިޓް މެެދުވެރިކޮށް ނަންނޯޓު ކުރި ފަރާތްތައް ދެ ގަޑިއިރުގެ ކޯހުގައި ބައިވެރިވާން ޖެހޭ ދުވަސްތަކާއި ގަޑިތައް އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް އެނގެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
ހެލްމެޓް ބެހުމަށް ބާއްވާ ދެވަނަ ބުރު އޮންނާނީ މިރޭ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައެވެ. ހިލޭ ހެލްމެޓް ބެހުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.