English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

މާދަމާއިން ފެށިގެން އައްޑޫ ސިޓީ ކައުންސިލުގެ ޓްރާންސްޕޯޓް ސެކްޝަނުގެ ޚިދުމަތް ދިނުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެއިން ކޮވިޑް-19 ބަލިމަޑުކަން ފެނުމާއި ގުޅިގެން 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ، އެ އިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުން ދެމުންދާ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް 14 އެޕްރީލް 2020 އިން ފެށިގެން މި އިދާރާއިން ޓްރާންސްޕޯޓްގެ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވޭނީ ކޮންމެ ހަފްތާއަކު އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު 09:00 އިން 12:00 އަށް ކަމުގައިވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މިދިޔަ ހަފުތާއެކޭ އެއްގޮތަށް މި ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

އެގޮތަށް ނިންމަވާފައި ވަނީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވި ކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.