English Edition
Dhivehi Edition

‘އޯޓިސްޓިކް ޓެލެންޓް ގާލާ 2017’ގެ ބައިވެރިންނަށް ބާއްވާ އޮންލައިން ވޯޓިން ހުޅުވާލައިފިއެވެ. ސެޕްޓެމްބަރު 10 ގެ ނިޔަލަށް ވޯޓުލުން ހުޅުވާލާފައިވާއިރު މިއަހަރު މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަމުންދާ 4 ބައިވެރިންގެ ތެރޭގައި ހިމެނޭ އަޔާން އާލް ނަސީރުއަކީ ހުނަރުން ފުރިގެންވާ ބައިވެރިއެކެވެ. އޯޓިޒަމް އެސޯސިއޭޝަން އިން ހޯދައިދިން މި ފުރުސަތުގެ ބޭނުންކޮށް، މިއަހަރުގެ މުބާރާތުގައި އާލް ހުށަހަޅާދީފައިވާ ލަވައަކީ ‘ރަން އުދޯއްޔެކޯ’ މިލަވައެވެ.

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުންދާ 07 އަހަރުގެ އާލް ވަނީ މިދިޔަ 2016 ވަނަ އަހަރުވެސް މި މުބާރާތުގައި ބައިވެރިވެފައެވެ.2016 ވަނަ އަހަރު އޭޝިއާގެ ގިނަ ގައުމުތަކުން 100 އަށްވުރެ ގިނަ ބައިވެރިން އެމީހުންގެ ހުނަރު ދައްކާފައިވާއިރު، އާލް ވަނީ އެންމެ ހުނަރުވެރި 05 ބައިވެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ސްކޫލުގައި ބޭއްވި ޓެލެންޓް ޝޯ އިން އާލްގެ ލަވަކިޔުމުގެ ހުނަރު ގިނަ މީހުންނަށް ފާހަގަވެގެންދިޔައިރު މިއަހަރު މުބާރާތުގައި އާލް ކިޔާފައިވާ ލަވައަށް މަޝްހޫރު ލަވަކިޔުންތެރިންވެސް ވަނީ ތައުރީފުކޮށްފައެވެ.

ޖަޕާނުގައި ކުރިއަށްދާ މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ އޯޓިޒަމް ކުދިންނަށް އެ ކުދިންގެ ހުނަރު އެހެން މީހުންނަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައި މި މުބާރާތް އިންތިޒާމުކުރާ ފަރާތުންވަނީ ބުނެފައެވެ. އަދި އެކުދިންނަކީ ވެސް މުޖްތަމައަށް ބޭނުންތެރި ކުދިންކަމުގައި ސާބިތުކޮށްދިނުމާއެކު މުޖްތަމައުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުންކަމުގައި އެ ފަރާތުންވަނީ ބުނެފައެވެ.

ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި އާލްކުރަމުން އަންނަ މި ބުރަ މަސައްކަތުގައި ރާއްޖޭގެ ހަމަކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. މި ކުޅަދާނަ ތުއްތު އާލްއަށް އޮންލައިންކޮށް ވޯޓު ދެއްވުމަށްޓަކައިhttps://ananautistictalentgala2017.wordpress.com/2017/08/07/042-ayaan-aal/ މި ލިންކަށް ކްލިކްކޮށްލުމަކީ އާލްގެ އާއިލާ އާއި ގާތް ރަހްމަތްތެރިންގެ ވަރަށް ބޮޑު އެދުމެކެވެ. އާލްގެ ރީތި އަޑުން ކިޔާފައިވާ ރަން އުދޯލި އަކީ ހަމަ ޔަގީނުންވެސް ތައުރީފު ހައްގު މަސައްކަތެކެވެ.

އާލްއަށް ވޯޓު ދެއްވުމަށް ލައިކް ބަޓަންއަށް ކްލިކް ކޮށްލުމަށްފަހު ވޯޓު ބަޓަންއަށް ކްލިކް ކޮށްލުމުން ހަމަ ކޮންމެ މީހަކަށްވެސް އެ ވެވުނީ އެ ތުއްތުކުއްޖާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް ބޮޑު އެހީއެއް ކަން ކަށަވަރެވެ. އަދި ވޯޓު ދިނުމުން އާލްއަށް މިހާތަނަށް ލިބިފައިވާ ވޯޓުގެ ޖުމްލަވެސް ފެނިގެންދާނެއެވެ.

ޖަޖުންގެ ވޯޓާއެކު ބެލުންތެރިންގެ އެންމެ ގިނަ އޮންލައިން ވޯޓު ލިބޭ ބައިވެރިންވެސް ހޮވާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ބައިވެރިންނާއެކު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 18 ޑިސެމްބަރު 2017 ވަނަ ދުވަހު ހޮންކޮންގައެވެ.