ކުރީގެ ނައިބްރައީސް އަހްމަދު އަދީބް ޑޮކްޓަރަށް ދައްކަން މިއަދު އައިޖީއެމް އެޗަށް ގެނެސްފިއެވެ.
އެނގިފައިވާ ގޮތުގައި މިއަދު އަދީބް މާލެގެނެސް ފައިވަނީ މެޑިކަލް ޗެކަޕެއް ހެދުމަށެވެ. އެހެންނަމަވެސް އައިޖީއެމް އެޗްގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓަށްވެސް އަދީބް ގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ.
އަދީބަށް ގިނަ ސިއްޚީ މައްސަލަތަކާ ދިމާވެ، ކިޑްނީގެ ހިލަތަށް ނެގުމަށް ހެދި ސާޖަރީއަށްފަހު ބަލި ޙާލަތު ހުންނެވި ގޮތުން މިދިޔަ ނޮވެމްބަރު މަހު އަދީބު ގޭ ބަންދަށް ބަދަލުކުރިއެވެ. އެހެން ނަމަވެސް ޑިސެމްބަރ މަހުގެ ފުރަތަމަހަފްތާ ތެރޭގައި އަދީބް ގެ ގޭބަންދު ގެ މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ އަލުން ޖަލަށް ބަދަލު ކުރެވުނެވެ.
އަދީބް ގޭބަންދުން ޖަލަށް ބަދަލު ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ބަލާފައެވެ. އެޗްއާރުސީއެމުން ކަމާއި ބެހޭފަރާތަށް އެ މައްސަލަބެލުމަށް ސިޓީ އެއްވެސް ވަނީ ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ، “ގައިދީއެއް ނުވަތަ ބަންދުގައިވާ މީހެއްގެ ސިއްހީ ހާލަތާއި ގުޅިގެން ގޭ ބަންދަށް ބަދަލު ކުރެވުފައިވާ ފަރާތްތަށް ދައުލަތުގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިޔުމުގެ ކުރިން ގައިދީ ނުވަތަ ބަންދު ކުރި މީހާގެ ސިއްހީ ހާލަތު ކަށަވަރު ކުރުމަކީ އިންސާނީ ނަޒަރިއާއިން ބަލާނަމަ މުހިންމު ކަމެއް ކަމަށް މި ކަމިޝަނަށް ފެންނަ ކަމަށެވެ”.
އަދީބްގެ ސިއްޚީ ހާލަތު އެއްކޮށް ރަނގަޅު ނުވަނީސް ޖަލަށް އަނބުރާ ގެންދިޔުމުން، ސާޖަރީހެދުމަށްފަހު އާފްޓަރ ކެއާ އަދި ރިކަވަރީއަށް އަދީބަށް ސްޓްރެސް ފްރީ މާހައުލެއް އަދި ފެމިލީ ކެއަރ އަދީބަށް ބޭނުން ވާކަމަށް ބުނެ އަދީބްގެ އަނބިކަނބަލުން ނަޝްވާ ވަނީ އެމައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ރިޝްވަތާއި ކޮރަޕްޝަން އަދި ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކެއް ސާބިތުވެ އަދީބް ދަނީ ޖަލުހުކުމް ތަންފީޒް ކުރަމުންނެވެ.