English Edition
Dhivehi Edition

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝިދު ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވީ ޕްރައިމަރީ އިން ބަލިވުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިނުލެވުނު ފަރާތްތަކަށް މިއަންނަ މާޗް މަހުގެ 04 ވަނަ ދުވަހާއި ހަމައަށް އިންތިޚާބަށް ކުރިމަތިލެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެ. މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުންވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ނިންމާ، ޕްރައިމަރީ އިން ބަލިވި ނަމަވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ހުކުމްކޮށްފައެވެ. މި ހުކުމާއި އެކު ސުޕްރީމް ކޯޓުން ވަނީ އަންނަމަހުގެ 04 ވަނަ ދުވަހާއި ހަމައަށް ޕްރައިމަރީ އިން ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފޯމް ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު އެމްޑީޕީ ޕްރައިމަރީ އިން ނާކާމިޔާބުވި ގިނަ ކެންޑިޑޭޓުން މަޖިލީސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.