English Edition
Dhivehi Edition

އެޕްރީލް 6 ގައި އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދިމާކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން “އިންތިހާބީ ކޮރަޕްޝަން ހުއްޓުވުން 2019” ގެ ނަމުގައި ކެންޕެއިނެއް ފަށައިފި އެވެ.

މި ކެންޕެއިންގެ މައިގަނޑު މަޤްސަދަކީ އިންތިހާބު ތެރޭގައި ހިނގާފާނެ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި، އިންތިހާބުގައި ނަޒާހަތްތެރިވުމަށާއި، ނަޒާހަތްތެރި ކެންޑިޑޭޓެއް އިހްތިޔާރުކުރުމަށް ބާރުއެޅުން ކަމަށްވެސް އޭސީސީ ވިދާޅުވިއެވެ.

މި ކެންޕެއިން އަކީ ކޮރަޕްޝަންގެ ގެއްލުމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވާ، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ކުރިއަރުވައި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އާންމުކޮށް ހާމަ ކުރަންޖެހޭ ކަންކަން ހާމަކުރުމުގެ މަޤްސަދުގައި، ކުރިއަށް ގެންދާ ކެންޕެއިނެއް ކަމަށް އޭސީސީ އިން މައުލޫމާތު ދިނެއެވެ.

އޭސީސީ އިން ވިދާޅުވީ މި ކެންޕެއިންގެ ތެރެއިން ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށާއި، މިގޮތުން ޓީވީ ޗެނަލްތަށް މެދުވެރިކޮށް އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ މައުލޫތަކަށް މައުލޫމާތު ދިނުމާއި، މިސްމީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ތަފާތު މެސަޖުތަށް ގެނެސްދިނުމުގެ އިތުރުން އިންތިހާބީ ކޮރަޕްޝަނާއި ގުޅޭގޮތުން ވީޑިއޯ ސްޕޮޓް ތައްޔާރުކޮށް ރާއްޖޭގެ އެކިއެކި ޓީވީތަކުން ދެއްކުން ހިމެނޭކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބިތުފަންގި ރޭޑިއޯ ޕްރޮގްރާމްގައި އިންތިހާބީ ނަޒާހަތްތެރިކަމާއި، އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމަށް ހާއްސަ ޕްރޮގުރާމް ތަކެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޕާޓީތަކުންނާއި އަމިއްލަ ގޮތުން 400 އެއްހާ ކެންޑިޑޭޓުން އެކިއެކި ދާއިރާތަކަށް ކުރިމަތިލައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ސަރުކާރު ތަކުގެ މިނިސްޓަރުންނާއި މައްޝޫރު ގާނޫނީ ވަކީލުންވެސް އިންތިހާބުގައި ކުރިމަތިލައެވެ.