English Edition
Dhivehi Edition
ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅަަމުން އަންނަ ޓަވަރެއް

އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު ގެދޮރުވެރިއާގެ ދަށުން ޝަރުތުހަމަވާކަމަށް ކަނޑައެޅި 4048 މީހުންގެ ތެރެއިން އޭސީސީން ތަހުގީގުކުރުމަށްފަހު ޝަރުތުހަމަވާކަަމަށް ކަނޑައެޅީ އެންމެ 724 މީހުންގެކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމާއި، ފޯމު ހުށައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައެޅުމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރިކައާއި ތަރައްގީގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭސީސީން ވަނީ ގެދޮރުވެރިއާ ޕޯޓަލް ހިފަހައްޓާފައިކަމަށެވެ. އަދި އެ ޕޯޓަލް އަލުން ހައުސިން މިނިސްޓްރީއާއި ހަވާލުކުރާނީ ބެކަޕެއް ނެގުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްތާތެރޭގައި އޭސީސީން އެ ޕޯޓަލް އަލުން މިހަފްތާތެރޭގައި ހަވާލުކުރާނެކަމަށް ބެލެވޭކަމަށާއި, ޕޯޓަލް ހަވާލުކުރުމުން ޝަރުތު ހަމަވާކަމަށް އޭސީސީން ނިންމާފައިވާ ފަރާތްތަކާއި އަންނަ ހަފްތާ ތެރޭގައި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރާނީ އެކަމަށް އެކުލަވާލާ ކޮމެޓީއަކުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ތިން ކޮޓަރީގެ 2,712 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 1,188 އެޕާޓްމަންޓް ހިމެނޭގޮތަށް ޓަވަރުތަކެއް ތަރައްގީކުރަމުންނެވެ.