އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޕޮޕިއުލާ ކުންފުނީގެ މައްޗަށް ދައުވާކޮށް، އެ ކުންފުންޏަށް ޖަމާވި 150،000 އެމެރިކާ ޑޮލަރު ދައުލަތަށް ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ޕޮޕިއުލާ ކުންފުންޏަކީ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންނަކީ އޭނާގެ ދެ ދަރިން ކަމަށްވާ ރީޝަމް ރިޔާޒް އަދި ރައުޝަމް ރިޔާޒެވެ. އޭސީސީން ބުނި ގޮތުގައި، ޖުލައި 13، 2015 ގައި އެސްއޯއެފްގެ އެކައުންޓުން މި ކުންފުނީގެ އެކައުންޓަށް ވަނީ 150،000 ޑޮލަރު ޖަމާކޮށްފައެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މިއީ ފައިސާގެ އަސްލު އޮޅުވާލުމަށް ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ވަނީ ހޯދިފައެވެ. އެހެންކަމުން، މި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީން ވަނީ އެދިފައެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ތ. އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ވެސް އޭސީސީން ވަނީ އަންގާފައެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވަނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެ ކޮމިޝަނުގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް 36 މަސް ދުވަހުގެ ތެރޭގައި އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށްފައި ނުވާތީ، އެއްބަސްވުން ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އޭސީސީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ޓޫރިޒަމް ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވާކަން އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވެއެވެ. އަދި މި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމާ މެދު އޭސީސީން ދަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު އިތުރަށް މަޝްވަރާކުރަމުންނެވެ.