English Edition
Dhivehi Edition

ޕްރައިމަރީ އިން ބަލިވުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިނުލެވުނު ފަރާތްތަކަށް މިއަންނަ މާޗް މަހުގެ 04 ވަނަ ދުވަހާއި ހަމައަށް އިންތިޚާބަށް ކުރިމަތިލެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ނިންމާ، ޕްރައިމަރީ އިން ބަލިވި ނަމަވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކުރި ހުކުމްގައެވެ. ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ އެ ފޯމު ބަލައިގަތުމަށްއިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގަ ބުނެފައިވަނީ ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ ގޮތަށް އޮންނަ ގައުމުތަކުގައި އެހެން އޮންނަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރާތީ ކަމަށެވެ. އަދި ރާއްޖޭގައި ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުން ލާޒިމްކޮށްފައިނުވާއިރު އެކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރިއަށް ނުދާކަމަށްވެސް އެ ބޭފުޅުންވަނީ ފާހަނގަކުރައްވާފައެވެ