ލަލީ ސްޕެނިޝް ގާގައި ރޭ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއި ސެވިއްޔާ ބައްދަލު ކުރި މެޗުގައި އާޖެންޓީނާގެ ލިއޮނަލް މެސީގެ ކެރިއަރުގައި ހެދި 50 ވަނަ ހެޓްރިކާ އެކު ބާސެލޯއިން ފަހަތުން އަރައި 4-2 އިން ސެވިއްޔާ ބަލިކޮށްފި އެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާއަށް އެ ޓީމްގެ އަސްލު ކުޅުން ދެއްކޭ ގޮތް ނުވިނަމަވެސް ކެޕްޓަން މެސީ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއްދައްކައި މެޗުގައި ބާސެލޯނާއަށް ތިން ލަނޑު ކާމިޔާބުކޮށްދީ އިތުރު ގޯލެއް ޖަހަން މަގުފަހި ކޮށްދީފައެވެ.
މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އަދި ތިންވަނާގައި އޮތް ރިއަލްމެޑްރިޑްއަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން ސެވިއްޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ވެސް ސެވިއްޔާއިންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޭސުސް ނަވާސް އެވެ. ނަވާސް ގެ ލަނޑުން ސެވިއްޔާ ކުރި ހޯދި ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން ބާސެލޯނާއިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީގެ ހިތްގައިމު ވޮލީއަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެސީގެ ލަނޑުން ބާސެލޯނާ މެޗުގެ ނަތީޖާ ހަމަހަ ކުރި ނަމަވެސް ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދެއްކި ސެވިއްޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަބްރިއެލް މަކާޑޯ ގެ ލަނޑުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ސެވިއްޔާ ކުރީގައި އޮވެ ނިންމާލި ނަމަވެސް ބާސެލޯނާއިން ވަނީ ދެވަނަ ހާފްގައި ތިން ލަނޑު ކާމިޔާބުކޮށް މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ.
ރޭގެ މެޗުގައި ބާސެލޯނާއިން ދެވަނަ ހާފްގައި ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެސީ ކާމިޔާބުކޮށްދިން އިރު ބާސާގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސުވަރޭޒްއެވެ.