ހިތަދޫ ނެދުންގޭ ތަލްހަތު މުޙައްމަދަކީ އައްޑޫ ސިޓީ އަށް އުފަންވި އާދަޔާ ޚިލާފު ހުނަރުވެރިއެކެވެ. “ތަލްސް ފޮޓޯޒް” ގެ ނަމުގައި ފޭސްބުކްގައި މަޝްހޫރުވެފައިވާ އުމުރުން 25އަހަރުގެ މި ޒުވާނާއަކީ އައްޑޫގައި މިހާރު ބާއްވާ ގިނަ ކައިވެނި ޕާޓީތަކާއި ކުޑަކުދިންގެ އުފަންދުވަހުގެ ފޮޓޯ ނެގުމަށް އެންމެންވެސް އެދޭ ފަރާތެވެ. ތަލްއަތުގެ ފޮޓޯ ހަމަ ރީތީ އެވެ. ޚާއްޞަކޮށް އައުޓްޑޯ ފޮޓޯތަކުގެ ރީތިކަމަކީ މުޅި ފޭސްބުކްގައި އޭނާއަށް ތައުރީފް އޮހެމުންދާ އެއް ސަބަބެވެ. ވަކިން ޚާއްޞަކޮށް އޭނަގެ ތަރިތަކާއި ކާއިނާތުގައިވާ ރީތި މަންޒަރުތަކުގެ ޚާއްޞަ ފޮޓޯ ތަކަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާ ފެންވަރުގެ ފޮޓޯތަކަކަށް ވަނީ ވެފައެވެ.
ނޫރާނީ ސްކޫލުން ތައުލީމީ ޙަޔާތް ފެށި ތަލްއަތު، ހިތަދޫ ސްކޫލްގައި ޕްރައިމަރީ ފުރިހަމަކޮށް އިސްލާމިއްޔާ ސްކޫލުން ސާނަވީ ފުރިހަމަކުރި އިރު ތައުލީމީ ގޮތުން މާ ބޮޑު ކާމިޔާބީއެއް ލިބިފައި ނެތަސް އޭރު ވެސް އޭނަގެ ކިބައިގައިވާ “ފޮޓޯ” ހުނަރު ޚުދު ތަލްއަތު އަމިއްލައަށްވެސް ފާހަގަކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ކްލާހުގައި އިންނައިރު މަޑުމަޑުން ކޮންމެވެސް އެއްޗެއް ކުރަހާލަ ކުރަހާލާ އިންނަ ތަލްއަތަކީ އޭނައަށް ކިޔަވައިދިން މުދައްރިސުންވެސް ލޯބިވާ، ބަސްއަހާ، ކިޔަމަންތެރި ދަރިވަރެކެވެ. ކިޔަވާ ފޮތްތަކުގައި ވެސް ކާޓޫނާއި ތަފާތު ފޮޓޯތައް އޭނަގެ ފަންސުރުން ކުރަހާފައި ހުންނާތީ ބައެއްފަހަރު މުދައްރިސުން ހިތްހަމަ ނުޖެހި އެވާހަކަ ދެއްކިޔަސް އެއީ އޭނައަށް ލިބިފައިވާ ކުޅަދާނަ ހުނަރެއްކަން އެންމެންނަށް ވެސް އެނގެއެވެ.
” ސްކޫލް ދައުރުގައި ކްލާހުގައި އިންނައިރު އަބަދުވެސް ޚިޔާލު ހުންނަނީ އެހެން ދިމާއަކަށް ގޮސް ހުސްވެފައި. ވިސްނެނީ ޢާލަމުގައި ކަންކަން މަސައްކަތް ކުރާ ގޮތާއި، އުޑާއި ތަރިތަކާއި، އެތަކެއްޗަށް ވާ ގޮތް ހޯދުމަށް،” ތަލްއަތު ބުންޏެވެ.
“އަހަރެން ކޮންމެ ރެޔަކުވެސް އުޑަށް ބަލަހައްޓައިގެން ހުންނަން. މިހެން ހުއްޓާ ފާހަގަވީ ކުޑަކުޑަ ތަރިއެއް މޫވް ކުރާ މަންޒަރު. އެއް ހަފްތާ ވަންދެން އެ ތަރިއަށް ބެލިން. ފަސް ނުވަތަ ހަ ދުވަހު އެ ތަރި ފެނުނު. އަހަރެންގެ ހިތަށް އެރި، މިއީ ދުންތަރިއެއް ބާވައޭ؟ ނުވަތަ ޖެޓެއް، ނުވަތަ މަތިންދާ ބޯޓެއް ބާވައޭ. ތިއްކެއް ގޮތަށް އޭތި ފެންނަނީ. އިރުކޮޅެއް ކޮށްލާފައި ދެން ގެއްލޭ،” ތަލްއަތު ބުންޏެވެ.
ހިތުތެރޭގައި އުފެދުނު މި ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި ތަލްއަތު ފިކުރު ކުރާން ފެށިއެވެ. އޭނާއަށް ފެންނަނީ ތަރިއެއް ގޮތަށް އިންނަ ތިއްކެކެވެ. އެ ތަރި ދަތުރުކުރި ބާރުމިނުގައި މަތިންދާ ބޯޓު ދަތުރު ނުކުރާނެ ކަމަށް އޭނާއަށް ވިސްނުނެވެ. އަދި ގިނި ހިލައެއް (ޝޫޓިންގ ސްޓާރއެއް) ނަމަ އެހާ މަޑުންވެސް އެ ދަތުރު ނުކުރާނެކަން ތަލްއަތަށް ވިސްނުނެވެ. މި ޝައުގާއެކު ކާއިނާތުގެ ފޮޓޯ ނެގުމަށް އޭނާ ކުރި މަސައްކަތް މިއަދު މިވަނީ ކާމިޔާބީއާ ހަމައަށް ވާސިލްވެފައެވެ.
ފޮޓޯ ނެގުމުގެ ތެރެއަށް އޭނައަށް ވަދެވުނީ އުމުރުން 20 އަހަރުގައި، އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ވަޒީފާ އަދާ ކުރަމުން، އޭނާ ގަތް ސިންގަލް ލެންސް ރިފްލެކްސް (އެސްއެލްއާރު) ކެމެރާއާ އެކުގައެވެ. އެ ކެމެރާއާއެކު އުޑުގައި ފެންނަން ހުރި ނަލަ ތަރިތަކުގެ ފޮޓޯ ނަގަން އޭނަ މަސައްކަތް ފެށިއެވެ.
“އޭރު ރިސޯޓުގައި ހުރެގެން ފުރުސަތު ލިބޭ ވެޑިން ފޮޓޯނެގުމަށް ވެސް. އެއީ އެ ރިސޯޓުގައި އެކަމަށް ޚާއްޞަ މީހަކު އެދުވަސްވަރު ނެތުމުން. ފޮޓޯ ނަގާފައި ދިނުމުން ގެސްޓުން ވަރަށް އުފާވެ އަދި ފޮޓޯ ވަރަށް ރީތި ކަމަށްވެސް ބުނޭ” ވަޒީފާގައި އުޅެމުން ލިބޭ ހުސްގަޑިތަކުގެ ބޭނުން އޭނާ ކުރާގޮތް ކިޔައިދިނެވެ.
ގާތް އެކުވެރިއަކާއި އެކު ތަލްއަތު ދެ މަސް ދުވަސް ވަންދެން ގިނަ ރޭރޭގެ ދަން ވަގުތުތައް ވަލުތެރޭގައި ހޭދަކޮށް، އުޑާއި ޖައްވުގެ ގާތްގަނޑަކަށް 8،000 އަށް ވުރެ ގިނަ ފޮ
ޓޯ ނަގާފައިވެއެވެ. އަދި މީގެ ތެރެއިން ރީތިކޮށް ނެގިފައިވާ ފޮޓޯތައް، ތަފާތު ތިން ސޮފްޓްވެއާއެއް ބޭނުންކޮށްގެން “ސްޓިޗް”ކޮށް، އޭނާ މިވަނީ ޓައިމްލެޕްސް އުފައްދައިފައެވެ.
މި ވީޑިއޯ ބަލައިލުމުން، އުޑުމަތިން ތަރިތައް ދައުރުވާ މަންޒަރާއި، ވިލާ އުފެދި، ނެތިދާ ގޮތުގެ އިތުރުން ގިނިހިލަތަކެއްވެސް ދަތުރުކުރާ މަންޒަރު ފެނެއެވެ. ތަލްއަތުގެ ފޮޓޯގްރަފީ ޕްރޮމޯޓުކުރާ ރަސްމީ ފޭސްބުކް ޕޭޖުގައި ޝެއާ ކުރެވުނު މި ވީޑިއޯ މިހާތަނަށް 1،000 އަށް ވުރެ ގިނަ ފަހަރު ޝެއާ ކުރެވިފައިވާ އިރު، މި ވީޑިއޯ ރާއްޖެއިން ބޭރުގެ ގިނަ ބަޔަކަށްވެސް ވަނީ މޤްބޫލުވެފައެވެ. ވަކިން ޚާއްޞަކޮށް ސީއެންއެން އާރތްގައި އޭނަގެ ފޮޓޯ ޝެއަރ ކުރުން ވެގެން ގޮސްފައިވަނީ ތަލްއަތަށް ލިބުނު ކާމިޔާބީއަކަށެވެ.
ފޮޓޯ ނެގުމުގެ ދާއިރާގައި މިހާތަނަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ކޮބައިތޯ ސުވާލުކޮށްލުމުން ތަލްއަތު ބުނީ “ކޮމެޓް ލަވް ޖޯއި” ނަމަކަށް ކިޔާ ދުންތަރީގެ ފޮޓޯ ނެގުން ކަމަށެވެ. “ދުނިޔެ ވަށައިގެން އެތަރި ދައުރުކުރާނީ 8000އަހަރުން އެއްފަހަރު. މި ވަގުތަށް އަހަރެން ހުރީ ވަރަށް ފާރަވެރިވެ. އެ މަންޒަރު އަހަންނަށް ފޮޓޯ ނެގުނު” އުފަލުން އިނދެ ތަލްއަތު ކިޔައިދިނެވެ.
އައްޑޫސިޓީގެ ކުޅިތަކާއި އަތިރިމައްޗާއި ހޭޅިފަށުގައި، ތަރިތަކާއި ކައުނުގެ ރީތި މަންޒަރުތައް އޭނަގެ ކެމެރާގައި ރައްކާކުރެވޭތޯ މަސައްކަތް ކުރަމުންދާއިރު ގިނަ ރޭރޭ ދަންވަރާއި ފަތިސް އެކީގައި ހެން އޭނާ މިކަމަށް ހޭދަކުރެއެވެ.
“ދަބަހަށް އެނާޖީ ޑްރިންކަކާއި ކާއެއްޗެއް އަޅައިގެން ގޮސް ރަނގަޅު ވަގުތެއްގެ އިންތިޒާރުގައި ކެމެރާ ސެޓްކޮށްގެން އިންނަނީ. މިއީ ވަރަށް ކެތްތެރިވެގެން ކުރެވޭނެ މަސައްކަތެއް. ބިރުވެސް ޖެހޭނީ ކަނޑާލަން” ކަމަށް ތަލްއަތު ކިޔައިދިނެވެ.
ރިސޯޓުގައި އަދާ
ކުރަމުން ދިޔަ ވަޒީފާއިން ވަކިވެ އަމިއްލަ ފައިމައްޗަށް ތެދުވެ ފޮޓޯ ނެގުމުގެ މަސައްކަތަށް ތަލްއަތު ހުސްވުމުން އާއިލާގެ ފަރާތުން އޭނައަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އެމަސައްކަތުން ރަނގަޅު އާމްދަނީއެއް ނުލިބޭނެ ކަމަށާއި ރަނގަޅު ވަޒީފާއެއް ލިބިފައި އޮތްވައި ދޫކޮށްލުން އެއީ ތަލްއަތުކުރި މޮޔަ ކަމެއް ކަމަށް އާއިލާއިން ދެކުނެވެ.
އަހަރެން އަބަދުވެސް ބޭނުންވަނީ އަމިއްލަ މަސައްކަތެއް ކޮށްގެން ކާމިޔާބު މީހަކަށް ވާން. ބައެއްގެ ދަށުގައި ހުރެގެން މަސައްކަތް ކުރުން އަހަންނަށް ވީ ވަރަށް އުނދަގޫ ކަމަކަށް” ރިސޯޓުގައި ވަޒީފާ އަދާކުރި ދުވަސްތައް މަތިން ހަނދާންކުރަމުން ތަލްއަތު ބުންޏެވެ.
ރިސޯޓުގައި މަސައްކަތް ކުރި އިރު، އެއްފަހަރު މީހަކު އަހަރެންނާ ދިމާލަށް ބުނި، ކަލޭގެ ފެންވަރަކީ އަތުގައި ތިޔަ އޮތް ޓްރޭ ގަނޑޭ. އެކަމަކު އަހަރެން ހިއްވަރު ކުރިން. މިހާރު އަހަންނަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އުޅޭ މީހެއް. މި މަސައްކަތުން ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް އަހަންނަށް މިހާރު ހޯދޭ. އާއިލާގެ މީހުންވެސް މިކަމަށް މިހާރު ވަރަށް ހިތްވަރުދޭ”
ތަލްއަތު ނަގާފައިވާ އައުޓްޑޯ ފޮޓޯތަކަކީ ގިނަ ބައެއްގެ ތައުރީފް އޮހެމުންދާ ފޮޓޯތަކެކެވެ. ޚާއްޞަކޮށް އޭގެ އެޑިޓިންއާއި ކުލަ މިކްސްކޮށްފައިވާ ގޮތާއި މަންޒަރު އެހާމެ ފުރިހަމައެވެ.
“ކޮންމެ ޝޫޓިން އަކަށް ދަނީ ވަރަށް ތައްޔާރުވެގެން. ކޮންމެ ބަޔަކުވެސް އެމީހުންގެ “ބިގްޑޭ” ގެ ފޮޓޯ އަހަރެން ލައްވާ ނެގުމުގެ ފުރުސަތު ދޭނީ އަހަންނަށް ވަރަށް އިތުބާރުކޮށްފައިކަން އެނގޭ. އެހެންވީމާ އެއްވެސް މޮމެންޓެއް މިސް ނުކުރެވި ރަނގަޅަށް މި މަސައްކަތް ކުރެވޭތޯ ބަލަން” ތަލްއަތު ކިޔައިދިނެވެ.
“އަހަރެން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަނީ ކުރިޔަށް ވުރެ މޮޅަށް ކަންތައް ކުރެވޭތޯ.” އަމިއްލަ ދިރިއުޅުމެއް އަދި ފަށާފައި ނުވާ ތަލްއަތުގެ ވިސްނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ޒުވާނަކަށް ވެ އަދި އަމިއްލަ އާއިލާއެއް ބެލެހެއްޓޭ ފެންވަރުގެ ކާމިޔާބީ ހޯދުމަށް ފަހު ނޫނީ ޒަވާޖީ ހަޔާތެއް ނުފެށުމެވެ.
މިހާރު ތަލްއަތު އެންމެ ގަޔާވެގެން ކުރާ މަސައްކަތަކީ “ޓައިމްލެޕްސް” ހެދުމެވެ. އެއީ، އެތައް ހާސް ފޮޓޯއެއް ނެގުމަށްފަހު، އެ ފޮޓޯތައް ސޮފްޓްވެއާ މެދުވެރިކޮށް ވީޑިއޯއަކަށް ހެދުމެވެ.
އައްޑޫއޮންލައިން ގެ ފަރާތުން ތަލްއަތަށް އިތުރު ކާމިޔާބީ އާއި ފާގަތި ދުވަސްތަކަކަށް އެދެމެވެ.