އައްޑޫސިޓީގެ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން އެތެރެހަށީގެ ބަލިތަކަށް މުޅިން ހިލޭ ފަރުވާ ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެއިމްސް ކުލިނިކުން މި ޚިދުމަތް ލިބެން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
“މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއިމްސްގެ އިންޓާނަލް ޑޮކްޓަރ ދެއްކުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ. މި ޚިދުމަތް ހިލޭ ލިބޭނެ ގޮތް ހަމަޖައްސާފައިމިވަނީ އެއިމްސް ކްލިނިކަކީ އައްޑޫގައި ސްޕެޝާލިޓީ ޑޮކްޓަރުންނަށް މުޅިން ހިލޭ ޚިދުމަތް ދެމުން އަންނަ ބަޔަކަށް ވާތީ. މިހާރުވެސް އަންހެނުންގެ ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރ އަދި އާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުން ވެސް އޮންނަނީ ފްރީކޮށް. އެގޮތުގެ މަތިން އިންޓާނަލް މެޑިސިން ޑޮކްޓަރ ވެސް ފްރީކޮށް ދެއްކޭނެ ގޮތް ހަމަޖެއްސީ” އެއިމްސްގެ މެނޭޖަރ ޙަސަން ޝަހުނީމް ވިދާޅުވިއެވެ.
އައްޑޫގެ ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ އަދި އާންމުންގެ މެދުގައި މަގުބޫލު ކުލިނިކެއް ކަމުގައިވާ އެއިމްސް ގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވަނީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަވާ ، މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރ ޑރ އަބްނާ ރިވާސް އަބޭހޯއެވެ. އަބޭހޯ އަކީ އޭޑީކޭ ގައި 6 އަހަރުވަންދެން މަސައްކަތް ކުރުމަށްފަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވަވާފައިވާ ޑޮކްޓަރެކެވެ. ރާއްޖޭގައި މަސައްކަތް ކުރެއްވެވި މި މުއްދަތުގައި އަބޭހޯ ފާހަގަ ވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ތަފާތު އެކިކަހަލަ ބަލިތަކަށް ފަރުވާ ދެއްވުމުގައި ނަން މަޝްހޫރު، އަދި ކިޑްނީގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ދެއްވަވާފައިވާ މޮޅު ޑޮކްޓަރެއްގެ ގޮތުގައެވެ.
އާންމުންނަށް ބޭނުންވާ ހުރިހާ މުހިއްމު ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީ އާއި އެއްގޮތަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ އެއިމްސް ކުލިނިކަކީ ހިތަދޫގެ އިތުރުން އައްޑޫގެ އެހެން ހުރިހާ ރަށެއްގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ މަގުބޫލު ކުލިނިކެކެވެ.