English Edition
Dhivehi Edition

އުފާވެރި ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް ދިރިއުޅުމުގެ ވަކި ހިސާބަކުން ކުއްލިއަކަށް ތިމާއަކީ އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވާ ނުކުޅެދޭ، އުނި މީހެއްގެ ގޮތުގައި ވެގެން ހިނގައްޖެނަމަ ކުރެވޭނެ އިޙްސާސަކީ ކޮބައިހެއްޔެވެ؟ ބޭނުންކޮންމެ ކަމެއް އަމިއްލައަށް ކުރެވޭ، ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް އުމުރުގެ ބާކީބައި ފުރޮޅިލީ ގޮނޑިއެއްގައި ހޭދަކުރަން ޖެހިއްޖެނަމަ ހަމަގައިމުވެސް ކުރަމުންއައި އުއްމީދުތަކާއި ދެކެމުން ދިޔަ ހުވަފެންތައް ވިއްސިވިހާލިވެގެން ދާނެއެވެ. ދިރިއުޅުންމަތިން ފޫހިވެ ތިމާގެ ހަޔާތަކީ ކަރުނައާއި ހިތްދަތިކަމާއި މާޔޫސީގެ ބައެއް ކަމުގައި ވެގެން ދާނެއެވެ. މިފަދަ އިޙުސާސް ތަކެއް ކުރެވޭނީ ހަމަގައިމުވެސް އެފަދަ ދިރިއުޅުމެއް ތަހައްމަލުކުރަން ޖެހިފައިވާ މީހަކަށެވެ.

ސ.ހުޅުދޫ ޖުވެލް އަޒުމަތު ޙުސެއިން މިހާރު ވޭތުކުރަން ޖެހިފައިވަނީ މިފަދަ ވޭނީ ދިރިއުޅުމެކެވެ. ލޯބިވާ ފިރިމީހާ އާއެކު ފުވައްމުލަކުގައި ދިރިއުޅެމުން ދިޔަ އުމުރުން 34 އަހަރުގެ އަޒުމަތުގެ ކަނާތު ފައި ހަމަ ކުއްލިއަކަށް ބުރިކޮށްލަން ޖެހިދާނެ ކަމަކަށް ހުވަފެނަކުންވެސް އޭނައަށް ފެނިފައެއް ނެތެވެ. ޒުވާން އުމުރުގައި އެއްފައިނެތް މީހެއްގެ ގޮތުގައި އިންނަން ޖެހިދާނެކަމަށް ގަބޫލުކުރަން އޭނައަށް ދަތިވިއެވެ. އެހެންނަމަވެސް ހަގީގަތަކީ މިއީއެވެ.

މި އަހަރުގެ އޮގަސްޓް މަހުގައި ޑޮކްޓަރުންނަށް އަޒުމަތުގެ ފައި ބުރިކޮށްލަން ޖެހުނީ އެހެން އިތުރު ގޮތެއް ނެތިގެންނެވެ. ފުވައްމުލަކު ގައި ދިރިއުޅެމުން ދަނިކޮށް ޖުލައި މަސް ތެރޭގައި އޭނަގެ ފައި ދުޅަވާން ފެށީއެވެ. ފުވައްމުލަކު ހޮސްޕިޓަލަށް ގޮސް އަޒުމަތު ފަރުވާ ހޯދިއެވެ. އެއީ މާ ބޮޑު ކަމެއް ނޫންކަމުގައި އެ ރަށު ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އިމަޖެންސީގައި އޭނާ މާލެ ދާން ޖެހުނީ ފައިދުޅަވެ މީހާ ބަލިއެނދުގައި ސީރިއަސް ހާލަތުގައި އޮންނަން ޖެހުމުންނެވެ. މާލެ ގެންގޮސް އައިޖީއެމްއެޗުގައި އަޒުމަތަށް ފަރުވާ ދެވެން ފެށުނެވެ.

“އެތަނަށް ގެންދިއުމުން ޑޮކްޓަރުން ބަލާފައި ބުނީ ފައިބުރިކޮށްލަން ޖެހޭ ކަމަށް. އެކަމަކު އާއިލާގެ މީހުން އެގޮތަކަށް އެއްބަހެއް ނުވި. ފައި ބުރިކޮށް ނުލައި ސަލާމަތް ކުރެވޭތޯ ބޭރުގައުމަކަށް ފޮނުވައި ދިނުމަަށް އެދުނީ” އަޒުމަތު ބުންޏެވެ.

ސަރުކާރުގެ އެހީގައި އާސަންދައިގެ ދަށުން އަޒުމަތު އިންޑިއާއަށް ދިޔައެވެ. އިންޑިއާގެ ގަންގާ މެޑިކަލް ސެންޓަރުގެ ޑޮކްޓަރުންގެ ޓީމަކުން އަޒުމަތު ބެލުމަށްފަހު ބުނީ ހަމަ ރާއްޖޭގެ ޑޮކްޓަރުންވެސް ބުނި ގޮތަށެވެ. ފައިގެ ކަކުލުހުޅުން ތިރީގެ ކަށިގަނޑު މަރުވެފައިވާ ކަމަށާއި ފައި ބުރިކޮށްލުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ. އާއިލާއަކަށް ވެސް އަދި އަޒުމަތަކަށް ވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި ހަށިގަނޑުގެ މަރުވެފައިވާ ގުނަވަނާ ވަކިވާން ޖެހުނީއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެއީ ކަކުލު ހުޅުން ތިރީގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ގިނަ ދުވަސް ވެ ކަށިގަނޑު މަރުވީއެވެ.

ކަނާތު ފައި ބުރިކޮށްލިއިރު އަޒުމަތު ދިޔައީ އޭނާގެ ވައަތު ފަޔަށް ލިބިފައިހުރި ޒަޚަމެއްގެ ސަބަބުން އެ ފަޔަށް ވެސް ފަރުވާ ހޯދަމުންނެވެ.

“އެއީ އެއްފަހަރަކު ވަލުތެރެއިން ހިނގާފައި ދަނިކޮށް ފަޔަށް ތިނޯހެއް ހެރުނީ. ތިނޯސް ހުރީ އެކީގައި ފަޔަށް ހެރިފައި. ދެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ. އެތަނުން ކުރި އޮޕްރޭޝަނަކަށް ފަހު ތިނޯސް ނެގި. ދުވަސްކޮޅަކުން ފައިތިލަ ދުޅަވާން ފެށީ. އެންމެ ފަހުން މާލެ ގޮސް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ބުނީ އޮޕަރޭޝަން ކޮށްފައި ހުރީ ނުބައިކޮށް ކަމަށް. ތިނޯސް ނަގަން އޮޕަރޭޝަން ކުރަން ޖެހޭނީ ފައިތިލަ ދަށުން ކަމަށް ވާއިރު މަތިން އޮޕަރޭޝަން ކުރުމުން ފަަޔަށް ވަދެފައި ހުރި ތިނޯހުގެ އެއްބައި ނުނެގި ހުރީ ކަމަށް. އަލުން އޭޑީކޭގައި އޮޕަރޭޝަން ކޮށް އެބައި ނެގީ. އޭގެ ސަބަބުން ފައިގެ އިނގިލިތައް ހަލާކުވެ އެ ފައިން ހިނގަން ވެސް އުނދަގޫ.”

އަޒުމަތުގެ ކަނާތު ފައި ބުރިކޮށްލީ އޭނާ މި ވޭނެއްގައި އުޅެމުން ދަނިކޮށެވެ. ވާތު ފައިގެ ޒަޚަމުގެ ސަބަބުން ރަނގަޅަށް ނުހިނގޭތީ ހިނގުމަށް އޭނާ ބޭނުންކުރަމުން ދިޔަ ކަނާތު ފަޔާވެސް ވަކިވާން ޖެހުނީއެވެ.

“އޮޕަރޭޝަންކޮށް ފައިގައި ހުރި ތިނޯސް ނެގިޔަސް އަދިވެސް އެ ފައި ރަނގަޅެއް ނުވޭ. ޑޮކްޓަރުން ބުނަނީ ކަށިތަކަށް ހުރީ މައްސަލަޖެހިފައި ކަމަށް. ސާރޖަރީ ކޮށްގެން ނޫނީ ރަނގަޅު ނުކުރެވޭނެ ކަމަށް. އެހެންވެ އެ ސާރޖަރީ ކުރަން އަހަރެން ބޭނުން.” އެއް ފަޔާއެކު މިހާރު ދިރިއުޅެން ޖެހިފައިވާ އަޒުމަތު އޭނާގެ ދެވަނަ ފަޔާ ވަކިވާކަށް ބޭނުމެއް ނޫނެވެ. ބޭސް ފައިވާނެއްގެ އެހީގައި އެއްފަޔާއެކު އުޅެމުން ދާއިރު އޭނާގެ އުއްމީދަކީ ކޮންމެވެސް ދީލަތި އެހީއެއް ލިބި އޭނަގެ ޒަޚަމްތަކަށް ފަރުވާ ލިބުމެވެ. ބުރިކޮށްނުލައި އޮތް ފައި ސަލާމަތް ކުރެވޭނެ ގޮތެއް މެދުވެރިކުރެއްވުމެވެ.

“އަހަރެމެންނަކީ އެހާ ތަނަވަސް ބައެއް ނޫން. ބައްޕައަކީ ވެސް ނުކުޅެދޭ މީހެއް. އަދި ކޮއްކޮއަކީ ވެސް ބަލިކުއްޖެއް. މަންމަ އެކަނި އެންމެން ގޮވައިގެން މި އުޅެނީ. ކޮންމެވެސް ފަރާތަކުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފާނެ ކަމުގެ އުއްމީދުގައި މިހިރީ” އަޒުމަތު ބުންޏެވެ.az

އަޒުމަތުގެ އުއްމީދަކީ އޭނާގެ ބުރިކޮށްލާފައިވާ ފައިގައި މަސްނޫއީ ފަޔެއް ޖެހުމެވެ. އަދި ސަލާމަތުން އޮތް ފައިގެ ސާޖަރީ ހެދުމެވެ. މިކަމަށް ގާތްގަނޑަކަށް 3000 ޑޮލަރު ހޭދަވާނެ ކަމަށް އަޒުމަތު ބުންޏެވެ. ބައެއްގެ އެހީތެރިކަމެއް ލިބިއްޖެނަމަ މަސްނޫއީ ފަޔަކާ އެކުގައި ނަމަވެސް އަލުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ހިނގާލެވޭނެ ދުވަހަކަށް އޭނާ އިނީ އިންތިޒާރުކޮށްގެންނެވެ.

“އަޅުގަނޑަށް އެހީތެރިވެ ދެއްވަން ބޭނުންފުޅު ފަރާތްތަކުން އަޅުގަނޑުގެ ނަމްބަރަށް ގުޅުއްވަވާ. 7897348 ނޫންނަމަ އަޅުގަނޑުގެ އެކައުންޓަށް ވެ ދެއްވެން އޮތް މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށް ދެއްވަވާ 7711507526101 Azumath Hussein ”

ހުޅުދޫގެ އަމިއްލަ ފަރާތްތަކުންނާއި ރެޑް ކްރެސެންޓް އަދި ހުޅުމީދޫ ޕޮލިސް އިން ވަނީ އަޒުމަތަށް އެހީތެރިވުމަށް ފަންޑް ހޯދުމުގެ ހަރަކާތްތަކެއް ވެސް ފަށާފައެވެ. އިއްޔެ ހަވީރު ފެށި މިހަރަކާތުގައި ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބިފައިވާ ކަަމަށް ވެސް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.

ދުއާ އަކީ އަޒުމަތުގެ ބޭސް ފަރުވާ ކުރެވޭނެ ގޮތް ﷲ ސުބުހާނަހޫ ވަތައާލާ މިންވަރުކުރެއްވުމެވެ. އަދި ދުޅަހެޔޮ ސިއްހަތެއް އަޒުމަތަށް ލިބިގެން ދިއުމެވެ. އޭނާގެ ހިތްދަތި ހަޔާތަށް ނިމުމެއް އައިސް އަޒުމަތުގެ އުއްމީދުތައް ފުރިހަމަވުމެވެ.