އެއީ ކުޅަދާނަ ޕްރޮޑިއުސަރެކެވެ. ފަންނުވެރި ކުރެހުންތެރިއެކެވެ. މަޝްހޫރު މިޔުޒީޝިއަނެކެވެ. އަތްތެރި މަސައްކަތުގެ ފާޑުވެރިއެކެވެ. ދިރިއުޅުއްވުމަށްޓަކައި އިލެކްޓްރިޝަނެއްގެ މަސައްކަތް ކުރެއްވި މޮޅު އިންޖިނިއަރެކެވެ. ނަމަވެސް އޭނާ މިއިން އެއްވެސް ކަމެއް ދަސްކުރި ސްކޫލެއް ނެތެވެ. އުފެދުމުގައިވެސް ހަމަ މޮޅީއެވެ. ހުނަރުވެރީއެވެ. އެއީ އައްޑޫގައި އުފެއްދި ފުރަތަމަ ފިލްމުގެ ޕްރޮޑިއުސަރެވެ. އައްޑުއަށް އުފަންވި ކުޅަދާނަ ޑައިރެކްޓަރެވެ. އެއީ ސ.ހިތަދޫ ދިވަރަ އަބްދުﷲ ނާފިޒެވެ. އިލެކްޓްރިކް މަސައްކަތް ކުރަމުން ގެންދިޔަ އާދައިގެ ޒުވާނަކު ކުޅަދާނަ ޕްރޮޑިއުސަރަކަށް ވީ ކިހިނެއްކަން އެއީ ހަމަ ހައިރާންވާ ވަރުގެ ކަމެކެވެ.
65 ގެ އަހަރުތައް ގުނަމުން، އަމިއްލަ އާއިލާއާއެކު ހަމަ ހިމޭން ދިރިއުޅުމެއް އުޅެމުން ގެންދާ ނާފިޒްވަނީ އޭނާގެ ހަޔާތުގެ އަޑިގުޑަން ތަކާއި ކާމިޔާބީތައް އައްޑޫއޮންލައިން ނޫހާ ހިއްސާކޮށްފައެވެ.
ޅައުމުރުގައި ބައްޕަގެ ލޯބިން މަހުރޫމްވި ނަމަވެސް މަންމަގެ ފުރިހަމަ ތަރުބިއްޔަތުގެ ދަށުން ނާފިޒް ބޮޑުވީ އައްޑޫގައި އިނގިރޭސިން ވެރިކަންކުރަމުން ގެންދިޔަ ރަން ޒަމާނުގައެވެ. އަމިއްލައަށް ދަސްކުރި އިންޖިނޭރުކަމުގެ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ގަމުގައި ހުރި އިންޖީނުގޭގައި އިލެކްޓްރިޝިއަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. އެއީ އުމުރުން އެންމެ 20 ނުވަތަ 22 އަހަރުގައެވެ.
“އެއީ އެއްވެސް މީހަކު ދަސްކޮށްދީގެން ކުރި މަސައްކަތެއް ނޫން، މީހުން މަސައްކަތް ކުރާގޮތް ބަލައިގެން ދަސްކޮށް އަދި އަމަލީގޮތުން ކުރަން ފެށުމުން ދަސްވީ” އިންޖިނިއަރިންގެ މަސައްކަތް ދަސްވިގޮތް ނާފިޒް ކިޔައިދިނެވެ.
ގަމުގައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު ޕާކިސްތާނު މީހެއްގެ އަތުން ލިބުނު މޫވީ ކެމެރާއެއްގެ އެހީގައި ނާފިޒް ވަނީ ކުރު ޑްރާމާއެއް ތައްޔާރުކޮށްފައެވެ.
“އެއީ ޗަމްޕާޕޫލުމާގޭ ހަސަން ސައީދުގެ ވާހަކައަކަށް ސްކްރީންޕްލޭ ލިޔުނީ. ޑްރާމާ އުފެއްދުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދެއްވީ ހިތަދޫ މޫންލައިޓްވިލާ މުޙައްމަދު ސައީދު. ޑްރާމާއަކީ އެންމެ 15 މިނެޓްގެ ކުރުކުރު ޑްރާމާއެއް. “ދުއްރަ” ނަމަކަށް ކިޔާފައިވާނީ. އާރުއޭއެފްގައި ޑްރާމާގެ ޝޫޓިން ކޮށްފައިވާނީ” ނާފިޒް ކިޔައިދިނެވެ.
އޭގެ ފަހުން މުހައްމަދު ސައީދު ދެއްވި ވީޑީއޯ ކެމެރާއެއް ބޭނުންކޮށްގެން ހަސަން ސައީދުގެ ވާހަކައަކަށް ނާފިޒް ވަނީ ފިލްމު އުފެއްދުމުގެ މަސައްކަތް އައްޑޫގައި ކޮށްފައެވެ. އެއީ އައްޑޫގައި އުފެއްދި ފުރަތަމަ ފިލްމެވެ. ފިލްމުގެ ނަމަކީ ” ކެނޑުމުގެ ކުރިން ވަކަރަށް ޖަހާ” މި ނަމެވެ. އިބުރަތްތެރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމުން ދައްކުވައިދެނީ ކޮންމެ ކަމެއްވެސް ކުރަންޖެހެނީ އެކަމެއް ރަނގަޅަށް ބަލާފައި ކަމާއި ނުބަލާކުރާ ކަންކަމުން ލިބޭ ނަތީޖާ ހިތިވާނެ ކަމެވެ.
ފިލްމުގެ ސްކްރިޕްޓް އަދި ސްކްރީން ޕްލޭ ތައްޔާރުކުރީ ނާފިޒް އަމިއްލައަށެވެ. 10 ވަރަކަށް މީހުންގެ ކުރޫއެއް ފިލްމް އުފެއްދުމުގައި ބައިވެރިވިއިރު ފިލްމް ކެމެރާވެސް ކޮށްފައިވަނީ ނާފިޒެވެ. ނާފިޒު އަމިއްލަ ސްކްރިޕްޓް ލިޔެ ތައްޔާރުކޮށް މި ފިލްމް ހެދިއިރު މާލޭގައިވެސް ހަދާފައިވަނީ ހަ ވަރަކަށް ފިލްމެވެ. ނާފިޒު އޭރު ފިލްމް ހެދީ އަޖުމަ ބަލާލުމުގެ ގޮތުންނެވެ. ފިލްމެއް ހެދޭތޯ ބަލާލުމަށެވެ. އެ ފިލްމް ހެދީ 1988 ގައެވެ. މިއީ ރާއްޖޭގައި ހިޓްވެގެންދިޔަ ފިލްމެކެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެން ތަނެއްގައި ތައްޔާރުކޮށް އުފެއްދި ފުރަތަމަ ފިލްމަކީވެސް މިއީއެވެ. މާލޭ އޮލިމްޕަހާއި އައްޑޫ އަދި ފުވައްމުލަކުގައިވެސް މި ފިލްމު ވަނީ ދައްކާފައެވެ.
“އެއީ ހަމަ އަމިއްލަ ޚިޔާލު. މަސައްކަތަކީ ބާވައިލައްވާ އެއްޗެއްނޫން. އަމިއްލަ ބުއްދިއާއި ވިސްނުން ބޭނުންކޮށްގެން ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެ. މީހަކު ކޮންމެހެން ދަސްކޮށް ދޭކަށް ނުޖެހޭ” އެފަދަ މަސައްކަތެއް ދަސްކުރީ ކިހިނެއްތޯ ސުވާލުކުރުމުން ނާފިޒް ބުންޏެވެ.
ނާފިޒު ޑައިރެކްޓްކުރި ދެވަނަ ފިލްމަކީ “އޮޅުން” އެވެ. އެ ފިލްމް ނެރުނީ 1992 ވަނަ އަހަރުއެވެ. ނާފިޒު ފިލްމް ސްކްރިޕްޓްތައް އަމިއްލައަށް ލިޔާއިރު ސްކްރިޕްޓްތައް ލިޔެފައިހުންނަނީވެސް ވަރަށް ފުރިހަމައަށެވެ. ސީންތަކުގެ މަންޒަރު ކުރަހާފައި ހުންނަކަން ވެސް ފާހަގަވެއެވެ. އެ ސީންއެއް ނެގުމަށްދަނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ނާފިޒު ސްކްރިޕްޓްތައް ލިޔެފައިވާ ފޮތް އަދިވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. އެގޮތުން “ސާޖަން” ފިލްމަށް އޭނާ ލިޔުނު ސްކްރިޕްޓް ވެސް އެބައޮތެވެ. ނަމަވެސް އެންމެ ފަހުގެ ފިލްމު ތައްޔާރުކޮށް ރިލީސް ކުރެވޭގޮތް ނުވީއެވެ.
“ފަގީރުކަމުން އެކަން ނުކުރެވުނީ. ބުނެވޭނީ ކުރިއަށް ދާން ފުރުސަތު ނުލިބުނީއޭ. އިގްތިސާދީ ހާލަތު ތަން ދިން ނަމަ މިފަދަ ކިތަންމެ ފިލްމެއް އުފެއްދުނީސް. މަސައްކަތް ހުއްޓާލަން ޖެހުނީ އެ ސަބަބާހެދި” ކިތަންމެ ހުނަރެއް ހުއްޓަސް މަސައްކަތް ނުކުރެވުނު ސަބަބު ނާފިޒް ކިޔައިދިނެވެ.
ފިލްމު އުފެއްދުމުގެ އިތުރުން އިނގިރޭސިންގެ ދުވަސްވަރު ނާފިޒްވަނީ ގިނަ ޝޯވ ތަކެއްވެސް އައްޑޫގައި ދީފައެވެ. ހަފުތާއަކު ތިން ޝޯވ ބާއްވައިގެން 30 ޕައުންޑް ލިބޭ ކަމަށް ނާފިޒު ބުންޏެވެ. ހިތަދޫގައި އެންމެ ފުރަތަަމަ ހުޅުވި ކާނިވަލަކީވެސް ނާފިޒް އިސްކޮށް ހުރެގެން ކުރި މަސައްކަތެވެ. ނާފިޒްގެ ޙަޔާތުގެ ބައިވެރިޔާ ފާތިމަތު ވަލީދާއާ ވެސް ދިމާވީ މި ކާނިވަލުން ކަމަށް ނާފިޒް ބުންޏެވެ. ވަލީދާއަކީވެސް ރީތި އަޑެއްގެ ވެރިއެކެވެ. ލަވަކިޔާ އުޅުނު ލަވަ ކިޔުންތެރިއެކެވެ.
ނާފިޒު ދިރިއުޅުމަށް ކުރި މަސައްކަތަކީ ގަމުގެ އެއާޕޯޓުގެ އިލެކްޓްރިޝަނެއްގެ މަސައްކަތެވެ. ނާފިޒު ރިޓަޔަރ ކުރީ މި ވަޒީފާގައި އުޅެމުންދަނިކޮށެވެ. ދިރިއުޅުމަށް މަސައްކަތްކުރުމަށް ނާފިޒު އައްޑޫއިން ބޭރަށް ގޮސްފައެއް ނުވެއެވެ.
“ހާލުގައި ޖެހި އެންމެ ނިކަމެތިވީ އިނގިރޭސިން އައްޑޫން ފޭބުމުން. އޭރު ދެ ކުދިންނާއި އަންބަކު ހުރި. ފައިސާ ހޯދަން މާލެދާނެ ފުރުސަތުވެސް ލިބުނު. އެކަމަކު އަމިއްލަ ފަސްގަނޑާ ވަކިވާކަށް ބޭނުމެއް ނުވި. އެހެންވެ ހާލުގައި އުޅެންވެސް ދިރިއުޅުނީ ހަމަ އައްޑޫގައި. ދެވެންހުރި ޚިދުމަތެއް ދޭން ބޭނުންވީ އަމިއްލަ ފަސްގަނޑަށް. ހުނަރަކީ ވަކި ތަނެއްގައި ދައްކަންޖެހޭނެ އެއްޗެއް ނޫން. ހަމައެކަނި މާލޭގައި ފުރުސަތުތައް ހުރުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫން. ނާފިޒް ބުންޏެވެ.
ނާފިޒަކީ މޮޅު އިންޖިނިއަރެކެވެ. އައްޑޫގައި އުފެއްދި މަތިންދާބޯޓު ހެދުމުގައިވެސް ނާފިޒު ބައިވެރިވިއެވެ. ޓިނުން ހެދި މި މަތިންދާބޯޓު ނިންމާ، މޫދުގައި ދުއްވާފައިވެއެވެ. 12 ވަރަކަށް ފޫޓުގެ މި މަތިންދާބޯޓަށް އެޅީ ވިނަކޮށާ މެޝިނެއްގެ އިންޖީނެވެ. މަތިންދާބޯޓުގެ ހަމައެކަނި މައްސަލައަކީ އެ ނުއުދުހުން ކަމެވެ.
މިހުރިހާ މަސައްކަތެއްގެ އިތުރުން ނާފިޒަކީ ދެވަނައެއް ނެތް ކުރެހުންތެރިއެކޭ ވެސް ބުނެވެން އެބައޮތެވެ. ނާފިޒްގެ ކުރެހުންތައް ރައްކާކޮށްފައިވާ އަލްބަމަކީ މީގެ ހެއްކެކެވެ. އެންމެ ފުރަތަމަ ކުރެހުމެއް ނާފިޒު ކުރަހާފައިވަނީ 1970 ވަނަ އަހަރުއެވެ. ފުރަތަމަ ކުރެހުން ފަންސޫރުން ކުރަހާފައިވީ ނަމަވެސް އާންމުކޮށް ނާފިޒު ކުރަހާ އުޅެނީ ދަވާދުންނެވެ. ނާފިޒުގެ ކުރެހުންތައް ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި އެބަ ހުއްޓެވެ. އެގޮތުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އިއްޒަތްތެރިންގެ ގެކޮޅުތައް ޒީނަތްތެރިކުރުމުގައިވެސް ނާފިޒުގެ ކުރެހުންތައް ބޭނުންކޮށްފައިވެއެވެ. ޚިޔާލީ މަންޒަރުތައްވެސް އޭނާ ކުރަހާފައިވާގޮތް އެހާމެ ރީއްޗެވެ. ކުލަގުޅުވާލާފައިވާ ގޮތް އެހާމެ ހިތްގައިމެވެ. އައްޑޫގައި ބޭއްވި ސާކް ސަމިޓްގައިވެސް ނާފިޒުގެ ކުރެހުންތައް ދައްކާލާފައިވެއެވެ. މި ހުނަރުވެސް ކުރިއަރުވަން ފުރުސަތު ނުލިބުނު ކަމަށް ނާފިޒް ބުންޏެވެ. ސަބަބަކީ ބޭނުންވާ ސާމާނު ގަންނަން ފައިސާ ލިބޭހައި ތަނަވަސް ނުވުމެވެ.
އަތްތެރި މަސައްކަތަށް ބަލާއިރުވެސް އެފަންނުގައި ވެސް ނާފިޒްގެ ހުނަރު ފެންނަން އެބަހުއްޓެވެ. ގިޑިގިގެ ހެދުމަކީވެސް ނާފިޒު ކުރި މަސައްކަތެކެވެ. ރައީސް މައުމޫނުގެ ދުވަސްވަރު ރައީސް އައްޑޫއަށް ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކު ނާފިޒު ގިޑިގެ ފަރުމާކުރެއެވެ. ތަފާތު ޑިޒައިންތަކާއި ތަފާތު އުފެއްދުންތެރިކަމާއެކުއެވެ. ކޮންމެ ގިޑިގެ އަކީ ތަފާތު ވާހަކައަކާއި ޚިޔާލެއް އުފަންކުރުވާ އެއްޗެއްވެސް މެއެވެ.
ހަޔާތުގެ މިހާ ހިސާބަށް އައިއިރު ލޯބިވާ އަނބިމީހާއާއި 7 ކުދިންނާއެކު ނާފިޒް އުޅެމުން ދަނީ އުފާވެރި ދިރިއުޅުމެކެވެ. ނާފިޒްގެ ކޮންމެ ކުއްޖަކީވެސް ބައްޕަ ކަހަލަ ހުނަރުވެރިއެކެވެ. ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ މުޒައްފަރަކީ ވެސް ނާފިޒުގެ ކުއްޖެކެވެ.
“އަހަރެން ވަރަށް ބޮޑަށް ބޭނުންވާ ޗަމްޕާޕޫލުމާގޭ ހަސަން ސައީދާއި މޫންލައިޓްވިލާ މުޙައްމަދު ސައީދަށް ޝުކުރު އަދާކުރަން. ދިރިއުޅުމުގައި ލިބުނު ކާމިޔާބީއެއް ވިއްޔާ ލިބިފައިހުރީ އެބޭފުޅުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި” ނާޒިފް ބުންޏެވެ.
ނާފިޒުގެ މޮޅެތި ކުރެހުންތަކަކީ ގިނަ ބަޔަކަށް ފެނުމުގެ ނަސީބު ލިބިފައިވާ ކުރެހުންތަކެއް ނޫނެވެ. ނާފިޒުގެ ކުރެހުންތައް ދައްކާލަން އެގްޒަބިޝަންއެއް ބޭއްވުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. ނާފިޒުގެ ފިލްމް އަލުން އުފައްދައި، ނާފިޒު ލިޔެފައިވާ ޑޮކިއުމެންޓްރީއެއް އުފައްދާ ނާފިޒުގެ ކުރެހުންތަކުގެ އެގްޒަބިޝަނެއް ބޭއްވުމަކީ ނާފިޒްގެ ކުދީންގެ ވެސް އުއްމީދެވެ. ބޭނުންވަނީ އެކަމަށް އިންވެސްޓްކޮށްދޭނެ ފަރާތެކެވެ.
އިރާދަކުރެއްވިއްޔާ ނާފިޒްގެ މި ހުވަފެން ހަގީގަތަކަށް ވެގެންދާނެއެވެ.