English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / ވެލްސާ، މުޙައްމަދު ވަލީދު (47އ) އެވެ.

މުޙައްމަދު ވަލީދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 20ވަނަ ދުވަހުގެ 12:00ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ވަލީދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.