English Edition
Dhivehi Edition

މުޖުތަމައަށް ބޭނުންތެރި ގާބިލް ދަރިއަކަށް ވެވޭނީ އެކަމަކަށްޓަކައި ގިނަ ގުނަ ގުރުބާނީތަކެއް ވެގެންނެވެ. ހިތްމަތާއެކު މަސައްކަތްކޮށްގެންނެވެ. ސާފުހިތަކާއެކު އަމިއްލަ ގައުމާއި އުފަންބިން ދެކެ ލޯބިވެގެންނެވެ. ހިތްހެޔޮކަމާއެކު ތިމާފަދަ އެހެން މީހުންނަށް އިޙުތިރާމުކޮށްގެންނެވެ.

އައްޑޫސިޓީއަށް އުފަން، ސ.ހިތަދޫ މޫންލައިޓްވިލާ މުޙައްމަދު ސައީދުގެ ދަރިކަނބަލުން ޑރ މަރިޔަމް ޝަކީލާއަކީ މިފަދަ ޝަޚުސިއްޔަތެކެވެ. ޑރ ޝަކީލާއަކަށްޓަކައި މުޅި އައްޑޫ ފަޚުރުވެރި ވެއެވެ. އެއީ ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެކެވެ. އިޖުތިމާއީ މަސައްކަތްތަކުގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވަވާ ބޭކަނބަލެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ މަގާމުތަކުގައި މަސައްކަތްކުރައްވަވާ ގާބިލް ދަރިއެކެވެ. ބޭރު ދުނިޔޭގެ ތަފާތު އެކިއެކި އިލްމީ ފޯރަމް ތަކުގައި ފަސޭހަކަމާއެކު ތަގުރީރު ކުރައްވަވާ އިލްމީ ކަނބަލެކެވެ. ކުޅަދާނަ ލިޔުއްވުންތެރިއެކެވެ. އައްޑޫގެ އަންހެންކަނބަލުންގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ކަނބަލުންނަށް ނަމޫނާއެކެވެ.

މާލޭގައި ތައުލީމު ހާސިލްކުރައްވަވަން ހުންނެވި ދުވަސްވަރު ފެހުމުގެ މަސައްކަތް ކުރައްވަވައި އާމްދަނީވެސް ހޯއްދެވި ޑރ ޝަކީލާގެ ވިޔަފާރީގެ ފެށުމަކީ އެއީއެވެ. އޭގެ ފަހުން ފިރިކަލުންގެ ވިޔަފާރީގައި ހީވާގި ކަމާއެކު މަސައްކަތް ކުރެއްވެވި ޑރ ޝަކީލާއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއްކުންފުނި ކަމަށްވާ ސިމްޑީ ކުންފުނީގެ ސީއީއޯ އަދި ކުންފުނީގެ ހިއްސާދާރެއްވެސް މެއެވެ. އައްޑޫގައި ހިންގާ މަޝްހޫރު އައިއެމްޑީސީ ހޮސްޕިޓަލަކީ އެކުންފުނިން އައްޑޫގެ ސިއްހީ ދާއިރާއަށް ދެއްވަވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދުމަތެކެވެ.

ވިޔަފާރީގެ އިތުރުން ޑރ ޝަކީލާ ވަނީ ސަރުކާރުގެ މަތީ މަގާމު އަދާކުރައްވާފައެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައްޔާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފައިވާ ޑރ ޝަކީލާވަނީ ޖެންޑާ އާއި ހެލްތު މިނިސްޓަރު ކަމާއި އެންވަޔަރްމަންޓް މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ. ހެލްތު މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއު އެޗްއޯގެ އެގްޒެކްޓިވް ބޯޑުގެ ޗެއަރ ޕާސަން އަކީ ވެސް އެކަމަނާއެވެ.

އިޖުތިމާއީ ދާއިރާގައި ހީވާގި ކަނބަލެއްގެ ގޮތުގައި ފާހަގަކުރެވޭ ޑރ ޝަކީލާއަކީ 2015 ވަނަ އަހަރު އުފެއްދި “އައްޑޫވިމެންސް އެސޯސިއޭޝަން” ގެ ރައީސާ ވެސް މެއެވެ. މި އެސޯސިއޭޝަނުން އައްޑޫގެ އަންހެނުންގެ އިތުރުން ރާއްޖޭގެ ގިނަ އަންހެނުންތަކަށް އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތު ހޯއްދަވައި ދެއްވާފައިވެއެވެ. މިގޮތުން އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގާ އެކިއެކި ކޯސްތަކާއި މުބާރާތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ކަސްރަތާއި ކުޅިވަރުގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވާ ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނެރެދިނުމަށް ގިނަ މަސައްކަތްތަކެއް ޑރ ޝަކީލާ ގެންދަވަނީ ކުރައްވަމުންނެވެ.

އޮސްޓްރޭލިއާގައި ހުންނަ ކާޓިން ޔުނިވާސިޓީން މާސްޓާސް އާއި ޕީއެޗްޑީ ހާސިލް ކުރައްވި ޑރ ޝަކީލާގެ އެންމެ ފަހުގެ ކާމިޔާބީއަކީ މަޝްހޫރު ކާޓިން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް (އެސްއޯއެމް)ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު ކަން ލިބިވަޑައިގެންނެވުމެވެ. ކާޓިން ޔުނިވާސިޓީއަކީ ދުނިޔޭގައި އެންމެ ނަން ހިނގާ ޔުނިވާސިޓީތަކުގެ ތެރެއިން އެއް ޔުނިވާސިޓީ އެވެ. ޔުނިވާސިޓީގެ ކެމްޕަސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ. އެ ޔުނިވާސިޓީއަކީ ދުނިޔޭގެ ނިސްބަތުން ގިންތި ކުރެވޭއިރު އެންމެ މޮޅު ދެ ޕަސަންޓުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ. މިއީ ދިވެހި އަންހެންކަނބަލަކަށް މިފަދަ މަގާމެއް ލިބުނު ފުރަތަމަ ފަހަރެވެ.

“ޔުނިވާސިޓީގެ ބޯޑު މެމްބަރުކަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް. ހާއްސަކޮށް ދިވެހި އަންހެނަކަށްވެ ހުރެ، މިފަދަ މަގާމެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާވަން.އަޅުގަނޑަށް ޔުނިވާސިޓީގެ އިސް ބޭފުޅަކު ގުޅުއްވާފައި އެހީ ބޯޑު މެމްބަރުކަމަށް ވުމުގެ ޝައުގުވެރިކަން އެބަހުރިތޯ، ޝައުގުވެރިކަން ހުރި ވާހަކަ ބުނުމުން ފުރުސަތު ދިނީ” ޝަކީލާ ވިދާޅުވިއެވެ.

ޑރ ޝަކީލާ އަކީ ހިތްހެޔޮ، އަދި މަޖާ މިޒާޖެއްގެ ބޭފުޅެކެވެ. މުރާލި އަދި ގެވެހި ބޭފުޅެއްވެސް މެއެވެ. ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް ސިއްޙަތާމެދު ޚާއްޞަ ސަމާލުކަމެއް ދެއްވަވާ ހީވާގި ބޭފުޅެއް މެއެވެ.

ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި ޑރ ޝަކީލާގެ ޚިދުމަތް ލިބެމުންދާތާ 30 އަހަރަށް ވުުރެ ގިނަ ވެފައިވާއިރު ކުރިއަށް އޮތްތަނުގައި ވެސް އެކަމަނާގެ އަގުހުރި ޚިދުމަތަށް ދިވެހިން ތިބީ ބޭނުންވެފައެވެ. އެފަދަ ދަރިއަކަށްޓަކައި އެންމެންވެސް ފަޚުރުވެރިވެއެވެ. ޑރ ޝަކީލާގެ ޚިދުމަތްތަކަށްޓަކައި އެންމެންވެސް ޝުކުރުވެރިވެއެވެ.

“އަޅުގަނޑު އެންމެ ފަޚުރުވެރިވަނީ އަޅުގަނޑަކީ އައްޑޫ މީހެކޭ ބުނެވޭތީ. އައްޑޫގެ ދަރިއަކަށް ވާތީ” ޑރ ޝަކީލާ ވިދާޅުވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން މާލެ އަދި ރާއްޖޭން ބޭރުގައި ދިރިއުޅުއްވި ނަމަވެސް އައްޑޫބަހުރުވައިން ޑރ ޝަކީލާ ވާހަކަ ދައްކަވަނީ ފަރިތަކަމާއެކުގައެވެ. އައްޑޫގެ ފަސްގަނޑުދެކެ އިންތިހާއަށް ލޯބިވެއެވެ.

އައްޑޫއޮންލައިންގެ ފަރާތުން، ޑރ ޝަކީލާއަށް އަދިވެސް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދެމެވެ.