English Edition
Dhivehi Edition

ކޮރަޕްޝަނާ ބެހޭ މައްސަލަތައް ސިއްރުން ހުށަހެޅޭނެ އޮންލައިން ޕޯޓަލްއެއް މިއަދު ސަރުކާރުން އިފްތިތާހުކޮށްފި އެވެ

މި ޕޯޓަލް ތައާރަފްކޮށްފައިވަނީ “ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން” ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ ސަރުކާރުގެ އޮފީހެއްގައި ނާޖައިޒު އެއްވެސް ކަމެއް ހިނގާ ކަމަށް ޝައްކުވިޔަސް، އެކަން ސަމާލު ކަމަށް ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލައި، ގައުމު އިސްލާހުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރެވޭނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ނައްތާލުމުގެ މަސައްކަތް ފެށޭނީ އަމިއްލަ ނަފްސާ ހަމައިން ކަމަށާއި އެކަމަށް ބޭނުން ވަނީ އިހްލާސްތެރިކަންކަމަށެވެ

މިއަދު ތައާރަފްކުރި މި ޕޯޓަލް އަކީ “ގްލޯބަލް ލީކްސް” އިން އުފައްދާފައިވާ ވިސަލްބްލޯވިން ސޮފްޓްވެއާއެކެވެ.މި ޕޯޓަލް އުފައްދާފައި ވަނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕީޖީޕީ އެންކްރިޕްޝަން އިން ރައްކާތެރި ކުރެވޭނެގޮތަށެވެ. މި ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް، ރައީސް އޮފީހުގައި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ އެވެ. އަދި މައްސަލަ ހުށަހަޅާ އިރު ހެކިވެރިންގެ މައުލޫމާތު ވެސް ހުށަހެޅޭނެއެވެ. އަދި މައްސަލަ ހުށަހެޅުމަށް ފަހު ލިބޭ ކޯޑު މެދުވެރިކޮށް ފަހުން ހެކި ލިބިއްޖެ ނަމަ، އެ ހެކިވެސް ހުށަހެޅޭނެއެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނެފައިވަނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލަތައް، މައްސަލަ ބަލާ ކޮމިޓީން ރައީސަށް ހުށަހަޅާނެ ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ މަތިން، އެ މައްސަލަ ބަލަން ޖެހޭ ނަމަ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ވެސް ރައީސް އޮފީހުންވަނީ ބުނެފައެވެ