English Edition
Dhivehi Edition
ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ‘ސުޕަރ މެޖޯރިޓީ’ ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވަނީ މި ސަރުކާރުން ‘ސުޕަރ މެޖޯރިޓީ’ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްޤީ ގެނައުންކަމުގައި ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފާހަގަކުރެވޭ ދާއިރާއަކީ ރަމަޟާން މަހުގެ ކަރަންޓް ބިލު ބޮޑުވުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ފެނަކަ އޮފީހާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާ ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ފުރުޞަތު ދެއްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.