English Edition
Dhivehi Edition

ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުން މުހިންމު ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެޖެންޑާ 19 އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވީ ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައި ދެވޭނީ މަޖިލީހުގެ ތާއީދާ އެކުގައި ކަމަށާއި ސަރުކާރުގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަޖިލީހުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ހޭދަ ކުރި 25 އަހަރު ތަފާތު ތަޖުރިބާ ކުރެއްވި ކަމަށެވެ. ހަލަބޮލިކަމާއި ކަނބޮޑުވުމާއި އެތައް ކަމެއް އެމަނިކުފާނު ދެކެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. އަދި އުންމީދީ އެތައް ކަމެއް ދެކެވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ މެމްބަރަކަށް ވެވަޑައިގެންނެވީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ޕްރައިމެރީ ބޭއްވި ވަގުތަކީ ވަރަށް ފަހުރުވެރިވި ވަގުތެއް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރެއްވި 297 ކެންޑިޑޭޓުންނަކީ ސިޔާސީ ލީޑަރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ ލީޑަރުންގެ ޒުވާން ޖީލެއް އޮތްކަން އެމްޑީޕީން ސާބިތުކޮށްދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.