ލާމަރުކަޒީ ގާނޫނަށް ގެނަން ބޭނުންވާ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެޖެންޑާ 19 އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަމުން އަންނަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތްކަމަށާއި، އެގާނޫނަށް އިސްލާހު ހުށަހެޅުމަށްފަހު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމު ފައްކާވެގެން އަންނަ އިރު އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖޭގެ ރަށު ކައުންސިލްތަކަށް ބާރުތައް ދެވި މާލީގޮތުން ވެސް ކައުންސިލްތައް ބާރުވެރިވެފައިވާ މަންޒަރު ދެކެވަޑައިގަތުމަށްކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދެވޭނީ މަޖިލީހުގެ ތާއީދާއި އެކުގައި ކަމަށެވެ. އެގޮތުން ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ވައުދުތައް ފުއްދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން ކަމަށް ވިދާޅުވާ ވާހަކަ ރައީސް މިރޭވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ.