ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދީ އަންހެނުން ބާރުވެރިކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ގްލޯބަސް ޕްރޮޖެކްޓްގެ 4 ވަނަ ބުރުގައި އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) ގެ ޓީމުން ބައިވެރިވެއްޖެއެވެ.
ޖެނުއަރީ 25 އިން ފެބްރުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށްފިލިޕީންސްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާއާއި ނައިބްރައީސާ ޖުވެއިރިއްޔާ ވަޖުދީގެ އިތުރުން އަވައިގެ 3 މެމްބަރުން ވަނީ ބައިވެރިވެފައެވެ.
ގްލޯބަސް ޕްރޮޖެކްޓަކީ 6 ގައުމަކާއެކު ޕާޓްނަރޝިޕް ވެގެން ޔޫރަޕިއަން ޔޫނިއަންގެ އިރަސްމުސް ޕްލަސް ޕްރޮގްރާމުގެ ދަށުން ފަންޑްކޮށްދީގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
ފިލިޕީންސް ގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ 4 ވަނަ ހަރަކާތެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ސިންގަޕޫރުގައެވެ. ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަނީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އެކި ދުވަސްތަކަކަށް ބަހާލައިގެން ގްލޯބަސް ޕްރޮޖެކްޓްގައި ބައިވެރިވާ އެހެން ހުރިހާ ގައުމުތަކެއްގައި ޕްރޮގްރާމު ހިންގުމަށް ޝެޑިއުލް ކޮށްފައެވެ. އެގޮތުން މި ޕްރޮގްރާމުގެ 5 ވަނަ ހަރަކާތް އޮންނާނީ ރާއްޖޭގައެވެ. އަދި އެންމެ ފަހުގެ ޓްރެއިނިން ވޯކްޝޮޕް އޮންނާނީ ބްރެޒިލް ގައެވެ.
ގްލޯބަސް ޕްރޮޖެކްޓްގައި އިގްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމުގައި ޕްރޮޖެކްޓްތައް ރާވާ ހިންގުމަށްޓަކައި ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން އެހީ ހޯދާނެ ގޮތްގޮތާއި އެކަންކަން ކުރުމަށް މަގުފަހިކޮށް އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުން ހިމެނެއެވެ. އަދި ހަމަ އެއާއެކު ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރި ކުރުމަށާއި އަދި ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ހުރި ގޮންޖެހުންތައް ހިމެނޭ ތަފާތު ވޯކްޝޮޕްތައް ކުރިއަށް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
ތަފާތު އެކި ރޮނގުރޮނގުން ރާއްޖޭގެ އަންހެނުންނަށް މިފަދަ ގިނަ ފުރުސަތުތަކެއް ހޯއްދަވައި ދިނުމުގެ މަގްޞަދުގައި މަސައްކަތް ކުރަމުން އަންނަ އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ މި ފަދަ ގިނަ ޕްރޮގްރާމުތަކުގައި ބައިވެރިވެ ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ޖަމިއްޔާގެ މެމްބަރުންނަށް ހުޅުވާލާފައެވެ.