English Edition
Dhivehi Edition

ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް މަހަކު 1،500-2،500ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭ ގޮތަށް އެމްޑީޕީން ކަރުދާހެއް ތައްޔާރުކޮށްފި އެވެ

އެމްޑީޕީއިން އެކުލަވާލި “ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދިނުމުގެ ބިލް”ގެ ޑްރާފްޓުގައިވާ ގޮތުން
ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުތައް މެދުވެރިކޮށް ސަރުކާރުން ބަލަހައްޓަން ވާނެއެވެ. އަދި ވަޒީފާ ނުލިބިތިބި ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަކީ ޖޮބްސެންޓަރުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށް މި ޑްރާފްޓުގައިވަނީ ހިމަނާފައެވެ

މީގެ އިތުރުން ޖޮބް ސެންޓަރުތަކުން ވިޔަފާރިތަކާއި ސަރުކާރުގައި ހުރި ހުސް ވަޒީފާތަކުގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތުތައް ގަވައިދުން ބަލަހައްޓަން ޖެހޭނެކަމަށާއި އެ ސެންޓަރުތަކުން ވަޒީފާ އަށް އެދޭ މީހުންގެ ދަފްތަރެއް ގާއިމްކުރަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ

އެމްޑީޕީއިން އެކުލަވާލި ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް ދޭނެ އިނާޔަތެއް ކަނޑައަޅާނީ އެމީހެއްގެ އުމުރަށާއި ދަރިންގެ އަދަދަށާއި ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރަށް ބެލުމަށްފަހުގައެވެ. އަދި ކުރިން ވަޒީފާއެއްގައި އުޅެފައިވާ ނަމަ، އެމީހަކު ވަކިވެފައިވާ ތާރީހަށާއި ސަބަބަށާއި އެމީހަކު ދިރިއުޅޭ ރަށުގެ ހާލަތު ފަދަ ކަންކަމަށް ބަލާފައި ކަމަށް ކަރުދާހުގައިވަނީ ބަޔާންކޮށްފައެވެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި ކަރުދާހުގައިވާ ގޮތުން
ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދޭން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް، ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުންނެވެ