English Edition
Dhivehi Edition

ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށިފަހުން އައްޑޫސިޓީގެ މީދޫ އަދި މަރަދޫފޭދޫ އޮތީ ޔަތީމުވެފައި ކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް އިންތިޚާބަށް ވެސް އެދާއިރާގެ ގޮނޑިއަށް ވާދަކުރައްވަވާ ރޮޒޭ ވިދާޅުވީ އިންސާފާއެކު ކަންކަން ނުކޮށް ދެވޭނަމަ ލާމަރުކަޒީ ވުމުން ރައްޔިތުންނަށް ވާ ފައިދާއަށް ވުރެ ލިބޭ ދުއްތުރާ މާ ބޮޑު ކަމަށެވެ. ލާމަރުކަޒީވީފަހުން މީދޫ ދާއިރާ އަށް އަޅާ ނުލެވޭ ކަމަށް ވިދާޅުވެ ރޮޒޭ ވަނީ ދާއިރާއަށް އިހުމާލުވާ ކައުންސިލެއްގެ ދަށުގައި ތިބެން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

މީދޫ އަދި ހުޅުދޫގެ މަގުބައްތިތައް ނުދިއްލޭ މައްސަލައާއި ބަނދަރު ބައްތިވެސް ރޭގަނޑު ނުދިއްލޭތީ އެކަމާއި ރަށުގެ ރައްޔިތުން ސޯޝަލް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަވަމުން ރޮޒޭ ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް ރަށު އޮފީހަށް އެރަށެއްގެ މަސައްކަތްތައް ކުރުމުގެ ބާރުދީ އެ މަސައްކަތްތައް އޮފީހާ ހަވާލު ކުރަން ވެއްޖެ ކަމަށެވެ.

“ހުރިހާ ސިޓީއެއް އެއް ނިޒާމަކަށް ނުހިންގޭނެކަން މިހާރު މި ސާފުވަނީ. މާލޭ ސިޓީ ހިންގާ ފޯމިއުލާ އައްޑޫސިޓީއަށް ވޯކް ނުކުރޭ. އެއް ބަޔަކު ނިކަމެތިވެ، ރުޅިގަދަވުން ނޫން ކަމެއް މިހާރަކު ނުވޭ” ސޯޝަލް މީޑިއާގައި ރޮޒޭ ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ނިޒާމު އޭގެ އެދެވޭ ގޮތުގައި ނުހިންގޭ ކަމަށް ބުނެ ހުޅުދޫ އަދި މީދޫ މީހުން އަބަދުވެސް ދަނީ ޝަކުވާ ކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ހުރިހާ ކަމެއް ކޮށްދެވެނީ ގުޅިފައިވާ ރަށްތަކަށެވެ. އަދި ކައުންސިލުން ބަލަހައްޓަނީ ވެސް އެރަށްތަކެވެ. ހުޅުދޫ އަދި މީދޫގެ ރައްޔިތުން ކޮންމެ ޚިދުމަތެއް ވެސް ލިބިގަންނަން ޖެހެނީ އެކަމަކަށް ގިނަ ތަކުލީފުތަކެއް އުފުއްލައިގެން ކަމެވެ.

1 ކޮމެންޓް
މޫސާ
ޖެނުއަރީ 30, 2019
އައްޑޫ އޮއްނެއި ހިތަދޫ އެކަނި