ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު މަނީލޯންޑްރިންގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބަންޑާރަނައިބްގެ އޮފީހުން ބުނެފި އެވެ.
މިއަދު އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބާއި، ކުރީގެ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަދިވެސް އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް މަނީ ލޯންޑްރިން ހިންގި ކަމުގެ ހެކި ހިމެނޭ ލިޔުންތަކެއް އެމްޑީޕީއިން އެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ މައްސަލައާއި ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި ލިޔުންތަކުގައިވާ ހެކިތަކަކީ އަދީބު ގެންގުޅުއްވި ފޯނުތަކަކުން ހޯދާފައިވާ ޑޭޓާ އެނަލައިޒް ކުރުމަށްފަހު، ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކާ ގުޅުންހުރި ލިޔެކިޔުންތަކެއް ކަމަށެވެ.
އެ ލިޔުންތައް އެ އޮފީހުން ބެލި ބެލުމުން، މަނީ ލޯންޑްރިންގެ އިތުރުން، ރިޝްވަތާއި ކޮރަަޕްޝަންގެ އަމަލުތައް ކަމަށް ބެލެވޭ އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭތީ އެ ލިޔުންތައް އެސެޓް ރިކަވަރީ ކޮމިޝަނަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްޑީޕީން ހުށަހެޅި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ހެކި ރައްކާކޮށް ޝަރީއަތަށް ހުށަހެޅުމަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކަމަށެވެ.
އެމްޑީޕީގެ މި ރިޕޯޓްގައި ހިމެނޭ މައުލޫމާތަކީ އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން ހުއްދަ ދީފައިވާ ޑޭޓާ ރިކަވަރީ އެންޑް އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑާޓާ ތަކެެއްގެ މައްޗަށް ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވެސް މިބަޔާނުގައި ވަނީ ބުނެފަ އެވެ.