އައްޑޫގެ މަސްވެރިންނަށް ބޭނުންވާ އައިސްކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ލިބޭނެ އިންތިޒާމް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހަމަޖެހިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ
މިނިސްޓަރ ޒަހާ އާއި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ އައްޑޫ ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ރައްޔަތުންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް މިފްކޯ އާއި ގުޅިގެން ހައްލުކުރެވޭނެކަމަށެވެ. މި ގޮތުން މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސް ކިރުވުމަށާއި އައިސް ލިބުމުގައި ހުރި ދަތިކަން ކަމުގައި މަސްވެރިންވަނީ ފާހަގަކޮށްފައެވެ. މަސްވެރިންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މަސްވެރިނަށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނުގައި އައްޑޫގެ މަސްވެރިކަމާ ގުޅުވައިގެން ވެފައިވާ ވައުދުތަކާއި، އެ ވައުދުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތް ކުރު ގޮތަކަށް މަސްވެރިންނާއި ވަނީ ހިއްސާ ކޮށްފައެވެ. މި ގޮތުން ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި މަސްވެރިންނަށް ‘ޒީރޯ ޑިއުޓީގައި’ ތެޔޮ ލިބުމުގެ ނިޒާމު ގާއިމު ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ
މިނިސްޓަރގެ މިދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތްކުރިއަށްދާގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ.އަދި ހުޅުދޫ މީދޫގެ ދަނޑުވެރިންނާއި ބައްދަލުކޮށް ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ބެލުމަށްޓަކައި މިނިސްޓަރ ވަނީ އާންމުންގެ ޝަކުވާއާއި މަޝްވަރާ އާއި ހިޔާލުތައް ހޯދައްވާފައެވެ