English Edition
Dhivehi Edition

ދިވެހިރާއްޖެ ތަރައްޤީކުރުމުގައި އިންޑިއާއިން އިސް ދައުރެއް އަދާކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން މިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ޤައުމެއްގެ ގުޅުން އޮންނަ މިންވަރަށް ނޫންކަމަށާއި، އެގުޅުމަކީ އެއަށް ވުރެ މާ ގާތް ގުޅުމެއް ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ދެޤައުމުގެ ގުޅުން ބިނާވެގެން ގޮސްފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ޤައުމުން ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށާއި، ޒަމާންވީ އާދަކާދަތަކުގެ މައްޗަށާއި، އެއްޤައުމުން ކުރާ ކަންތައްތައް އަނެއްޤައުމުން ބަލައިގަންނަމުންދާ މިންވަރުގެ މައްޗަށްކަމުގައެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އާއި ހިއްސާކުރާ އެއްގޮތް ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދެޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލެވިފައި ވަނީ ރައްޔިތުންގެ ޙައްޤުތަކާއި، މިނިވަންކަން ނަގަހައްޓައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާކުރުމަށާއި، އިޖުތިމާޢީ ފޭރާން ބަލިކަށި ވެގެން ނުދާނޭފަދަ ގޮތަކަށެވެ.

ރައީސުލްޖުމްޙުރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިންޑިއާއިން ބަހައްޓަވާ ގާތްކަން ރާއްޖެއިން އަދި މި ސަރުކާރުން ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމަށް ފައިދާ ވާނެފަދަ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާން ވަނީ އަރުވާފައެވެ.