English Edition
Dhivehi Edition

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނޭދެވޭ އަސަރުތައް ރާއްޖެއަށް ފޯރައި ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ހިނގައިދާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހާރު ރާއްޖޭން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ. އަށް ޒިޔާރަތް ކުރައްވާ އެތަނުގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖޭގެ މުސްތަގުބަލަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ބިރަކީ މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މައްސަލަކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ދަނީ ހަލާކުވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ގިރައި، ރަށްތައް ނުރައްކަލުން ސަލާމަތްކޮށްދޭ ފަރުތައް ވެސް މަރުވަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

“އަޅުގަނޑުމެންގެ ރަށްރަށުގެ މީރު ފެން ލޮނުވެ، ކަނޑުތަކުން މަސް ވެސް ދަނީ މަދުވަމުން. މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެން އުޅޭ ވަޒަން އަޅުގަނޑުމެންގެ އަތުން ބީވެގެން ދާނެ،” މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވަނީ މޫސުމީ ބަދަލުތަކުގެ އަސަރު އޮތީ ރާއްޖެއަށް އެކަނި ނޫންކަމާއި، މުޅި ދުނިޔެއަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ލީޑަރުން އަދި ވެސް ތިބީ އެހެން ކަންކަމުގައި މަޝްއޫލުވެ ކަމަށެވެ.

2007 ވަނަ އަހަރު މުސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އދ. ސެކިއުރިޓީ ކައުންސިލަގައި ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮދުވެ، ރާއްޖެއަށް އެތައް ގެއްލުމެއް ލިބެމުންދާ ކަމަށެވެ. ޝާހިދު ވިދާޅުވީ އޭރުގެ އދ. ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް، ކަނޑުގެ ލޮނުގަނޑު ދެމީޓަރަށް އުފުލޭ ހިސާބުން ރާއްޖެ އަޑިއަށް ދާނެކަމުގެ ބިރުހީވެފައިވާކަން ގެނެސްފައިވާނެ ކަމަށާއި މިއަދުވެސް އެވާހަކަ ތަކުރާރުކުރަން ޖެހިފައިވާ ކަމަށެވެ. މިހެން ޝާހިދު ވިދާލުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު ބޮޑުވާނޭކަމަށް ސައިންސްވެރިން ކޮށްފައިވާ އަންދާޒާ އަކަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކަލާ ގުޅޭ ބަހުސެއް އެންމެ ފުރަތަމަ އޮތީ 2007 ވަނަ އަހަރު އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ދުވަސްވަރެވެ. އޭރުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޝާހިދު އެވެ.

ޝާހިދު ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ. އަދި ހައްލުތައް ހޯދުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަންގެ މަސައްކަތް މުހިންމުކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ މޭރުމުން ގާއިމުކުރަން ޖެހޭ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ފައިސާގެ ބޮޑު އަދަދެއް ހާއްސަކުރަންޖެހޭކަމަށް ވެސް ވިދާޅުވި އެވެ