ޕޯސްޓް މެދުވެރުކޮށް ރާއްޖެއިން ބޭރުން ގެނައި ޕާރުސަލެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ ޕޯސްޓްގެ ޒަރިއްޔާއިން ބެލްޖިޔަމްއިން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕާރުސަލެއް އެޕާރުސަލްގެ ވެރިފަރާތުގެ ހާޒިރުގައި ކެނޑިއިރު މަސްތުވާތަކެއްޗައް ޝައްކުކުރެވޭ ބަރުދަނުގައި 1105 ގުރާމްހުރި 1943 ގުޅަ ފެނިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
އެ ތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އެ މީހާވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ކަސްޓަމްސްއިން އާންމުކުރު ފޮޓޯގައިވާ ގޮތުން އެ މަސްތުވާތަކެތި ރައްކާ ކޮށްފައި ހުރީ ޕެކެޓް ކުރުމަށްފަހު ވަޔަރ ލެސް ސްޕީކަރެއްގެ އެތެރޭގަ އެވެ.