ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއި ގާސިމް ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ޕީޕީއެމްގެ މަޖިލީސް މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކަކާއި ގާސިމް ވަނީ ބައްދަލުކުރައްވާފައެވެ.
އެގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޮންކަމަކާއި ގުޅިގެން ކަން އަދި އެނގިފައި ނުވި ނަމަވެސް މީގެ ކުރިން މިފަދަ ބައްދަލުވުމެއްގެ އިޝާރާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކުރިއަށްއޮތް އިންތިހާބުގައި އެކުގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއި އެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރު ކޯލިޝަންގެ ތެރޭގައި މައްސަލަތައް އުޅޭކަމަށް ދޭހަވާ ގޮތަށް ގާސިމް ވާހަކަފުޅު ދައްކަވައިފައި ވާތީ، އެކޯލިޝަން އިން ޖޭޕީ ވަކި ވުމަކީ އެކަށީގެން ވާކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
‘އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ އަޙްމަދު އާމިރު ވެސް ބައިވެރިވެ ވަޑައިގެން ފައި ވެއެވެ. އެގޮތުން މުޅިއެކު 15 މެމްބަރުން ބައިވެރިވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖްލީސް މިއަހަރަށް ހުޅުވުމުގެ ކުރިން ސިޔާސީ މައިދާނުގައި ޖޭޕީ އިން އިތުރު ފިޔަވަޅެއް އަޅާފާނެކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޖޭޕީ ނުކުންނާނީ ތަފާތުކޮށްކަމަށް ވެސް ގިނަބަޔަކު ދެކެއެވެ.