English Edition
Dhivehi Edition
ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވަން އޮންލައިން

ބަޔަކު އިސްކޮށް ތިބެގެން ގައުމު ފަސާދަކުރުމަށް ކުރާ އެއްވެސް ކަމެއްގައި ޖުމުހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށާއި، އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ މަސްލަހަތާއި ކުރިއެރުމަށް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އިސްކޮށް ހުންނަވައިގެން މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރުނެތްކަމަށް ވޯޓުނަގަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަވަމުން ގާސިމް ވިދާޅުވީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް ކަމަށާއި، ބަޔަކު އިސްވެތިބެ، އެފަދަ ވާހަކަތައް ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމަނިކުފާނު އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރެއްގައި ވަކި ޕާޓީއަކަށް މަޖިލީހުގެ ތެރެއިން މެޖޯރިޓީ ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ލިބުނު ނަމަވެސް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.