English Edition
Dhivehi Edition
ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަންނަ ހަފްތާއިން ފެށިގެން އީމޭލް މެދުވެރިކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދޭ ގޮތް، ހަމަޖައްސާނެކަމަށާއި މިއަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ .

މިއަދު އިމިގްރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ވިދާޅުވީ ޕާސްޕޯޓު ހޯދުމުގައި ދިމާވާ ދަތިތަކަށް މިހާރުން މިހާރަށް ލިބޭނެ ހައްލަކަށް ފެނުނީ އީމެއިލްގެ ޒަރިއްޔާއިން ކޮންމެ ރަށެއްގައި ހުރެގެންވެސް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލުންކަމަށެވެ.އަދި ދުމަތް ހޯދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީހާވެސް އަވަހަށް އިޖާބަ ދިނުމުގެ ގޮތުން އީމޭލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ

މީގެ އިތުރުން އިމިގްރޭޝަނުން ބުނެފައިވަނީ މީގެ ކުރިން ފަސް ދުވަހުން ދޫކުރަމުން އައި ބިޒްނަސް ވިސާ، މިހާރު 48 ގަޑިއިރު ތެރޭ ލިބޭނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީއިންވެސް ބިޒްނަސް ވިސާ ދޫކުރާނެކަމަށެވެ..

މާލޭގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށި، އަދި ފުވައްމުލަކުގައި އިމިގްރޭޝަނުގެ ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ. ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި އަތޮޅުތެރޭގެ ކައުންސިލްތަކުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަގަޅުކުރެވިގެންދާނެކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.