English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބްގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީވާ ހުކުރު ދުވަހު ބާއްވާ ޕްރައިމަރީ އިންތިހާބަށް ތައްޔާރުވަމުންދާތާ ގިނަ މަސްތަކެއް ވެދާނެއެވެ.

އެމްޑީޕީއިންވަނީ މިއިންތިހާބަކީ ދެފުށްފެންނަ އިންސާފްވެރި އިންތިހާބެއްކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސޯޝަލްމީޑިއާގައި ގިނަ ފަރާތްކުގެ ޝަކުވާތައްފެނިގެން ދެއެވެ. މިގޮތުން ޕާޓީގެ ލީޑަރޝިޕުން ބައެއް ކެނޑިޑޭޓުން ހޮވަން މަސައްކަތްކޮށް ނުފޫޒްފޯރުވާ ތުހުމަތުތަކެއްވެސް ކުރެއެވެ. އަދި ބައެއް ކެނޑިޑޭޓުންވެސް ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ވޯޓް ހޯދަން މަސައްކަތް ކުރާކަމަށްވެސް ތުހުމަތު ތަކެއް ކުރެވެއެވެ.

ފާއިތުވެގެންދިޔަ އަހަރުތަކަށްބަލާއިރު ގިނަ އިބުރަތްތަކެއް އަޅުގަނޑުމެންނަށް ހާސިލްނުވޭތޯއެވެ؟ ރައްޔިތުންގެ މަޖިލިސް ތެރެއިން އަންހެނުންގެ މޫނަށް ކުޅުޖަހާ އަންހެނުނަށް ކުޑައިމީސްކޮށް މުއާމަލާތްކުރާ މަންޒަރުތައް މަޖިލީހުގައި ހިނގަތަން އަޅުނޑުމެން ބަލަމުން ދިޔައީ ނުހަނު ހިތާމަޔާއެކީއެވެ. މަޖިލީސް މެންބަރުން ފައިސާގޯނިތައް ފުރައިގެން އެމެންބަރުން އެފައިސާ ގޯނިތައް ހަވާލުކުރާ ވަހާކައަކީ ވެސް ހުދު އެމްންބަރުން އަމިއްލައަށް ވިދާޅުވަނިކޮށް މަޖިލިސް ތެރެއިން ފެނިފައި ވާ މަންޒަރުތަކެކެވެ. އަދި އެމަޖިލީހުގެ ތަޅުމުން ފެންނަ މަންޒަރުތަކަށް ބަލައިލާއިރު ބައެއްފަހަރު ބާރުބޮޑު މާރުކޭޓެއްގެ ސިފައާވެސް ވައްތަރެވެ. އަދި ބައެއްފަހަރު އެމަޖިލީހުގެ ހުރުމަތްކަނޑާލާ، އެކަކު އަނެކަކަށް ހުތުރުބަހުން ވާހަކަދައްކާ މާރާމާރީ ހިންގާއިރު އެމަންޒަރު އެއީ އަޅުގަނޑުމެން ބަލަންބޭނުންވާ މަންޒަރަކަށް ނުވެއެވެ. ސަބަބަކީ މެމްބަރަކު ހޮވަނީ ކޮންމެދުވަހަކު އެފަދުގެ އަމަލުތައް ކުރުވުމަށް ކަމަށް ނުވާތީއެވެ.

މީގެއިތުރުން އަޅުގަނޑު މެންނަށް ފޮނި ވައުދުތައް ކޮށްފައި އަޅުގަނޑުމެން އިންތިހާބްކުރީމަ އަޅުގަނޑުމެންގެ ފޯނަށް އެމެންބަރުން ޖަވާބުނުދެއެވެ. އެކަމަކު ފެނިގެންދަނީ މެންބަރުން ވިޔަފާރިކޮށް މުއްސަންދިވާން މަސައްކަތް ކުރާތަނެވެ. އެގޮތުން މަޖިލީހުން ފަސްއަހަރުގެ ދައުރުގައި ފައިސާއިން މުއްސަންދިވެ، އަގުބޮޑެތިހާ އެއްޗިހި ގަނެގެން އުޅޭތަންފެނެއެވެ. ނަމަވެސް ދައުރު ހަމަވާއިރަށް އަނެއްފަހަރު ނާށިގަނޑު ހިފައިގެން އަންނަނީ ރައްިތޔުން ކައިރިއަށް ސަލާންޖެހުމަށެވެ. ނުވަތަ ރައްޔިތުން ގަނެލާށެވެ.

މިދަންނަވަންބޭނުންވަނީ ތިބާގެވޯޓަކީ އެހެންމީހަކު މަހުޖަނަކަށް ހަދައިދޭން ދޭވޯޓަކަށް ވާނެޖެހޭ ބާއެވެ. ނުވަތަ އެ ވޯޓަކީ ގަނެވިއްކަން އޮންނަ މުދަލެއްހެއްޔެވެ. ބައެއްމެމްބަރުން ރައްޔިތުމީހާ ބޭރުގައުމަކަށް ބޭސްފަރުވާޔަށް ދާން ދެކޮޅު ޓިކެޓާ 500 ޑޮލަރު ދީފައި މިބުނަނީ ވޯޓެއްދެއްވާށެވެ. އެހެންވީމާ އެވޯޓް މިދެވެނީ އަޅުގަނޑުމެންގެ ގައުމަށާއި ރައްޔިތުންނަށް އިހްލާސްތެރިވާނެ މީހަކައްތޯއެވެ؟ ނުވަތަ އެވޯޓް މިދެވެނީ ގޭންގު ލީޑަރަކަށްތޯއެވެ؟ އެވޯޓް މިދެވެނީ މަޖިލީހަށް ވިޔަފާރިކުރަން ވަންނަ މީހާއަށް ތޯއެވެ؟ އެވޯޓް މިދެނީ އިންތިހާބް ކުރާމެންބަރަކު މަހުޖަނަކަށް ހަދައިދޭންތޯއެވެ؟ އެހެންވީމާ ވޯޓްދިނުމުގެ ކުރިން ފުންކޮށް ވިސްނަވާށެވެ!