English Edition
Dhivehi Edition

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ. އެހެންކަމުން އެމީހުންގެ ސަޤާފަތުން ކޮންމެވެސް ވަރެއް އެނގިފައި އޮތުމަކީ ވަރަށް މުހިއްމުކަމެވެ. ޗައިނާގެ ސަގާފަތްުގެތެރޭގައި ހިމެނޭ ވަރަށް އާދަޔާ ހިލާފް ވާހަކައެއް ހިއްސާކޮށްލާނަމެވެ.

ޗައިނާ މީހަކަށް ސައިތައްޓެއްް ދިނުމުން ނުވަތަ ސައިތައްޓަށް ސައި އަޅައި ދިނުމުން މޭޒުމަތީގައި އަތުން ޖަހާތަން ފެނުނު ހެއްޔެވެ؟ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް މި މަންޒަރު ފެނިފައި އޮވެދާނެއެވެ. ނަމަވެސް އޭގެ މާނަ އެއްވެސް ވަރަކަށް އެނގޭ ހެއްޔެވެ. މި އީ ޒަމާނުއްސުރެ ޗައިނާގައި އޮންނަ ސަޤާފަތެވެ. އަދި މިކަން ގުޅިފައި އޮންނަނީ ޗައިނާގެ ރަސްރަސް ކަލުންނާއެވެ.

މިކަމުގެ ފަހަތުގައި އޮތީ ކުރު ވާހަކައެކެވެ. އެއްދުވަސްވަރެއްގައި ޗައިނާގައި ރަސްކަން ކުރަމުން ދިޔަ ރަސްކަލެކެވެ. އެއްދުވަހަކު އޭނާގެ ހިތަށް އެރިއެވެ. ރަށުގެ މީހުންގެ ދިރިއުޅުމުގެ ކަންތައްތައް އަމިއްލަ ލޮލުން ބަލާލަން ވީއެވެ. މިހެން ހިތާ ރަސްގެފާނާއި ހުރިހާ ވަޒީރުން ވިޔަފާރި ވެރިން ލާކަހަލަ ހެދުން ތުރުކުރައްވައިގެން ރަށްފުށު ސަރަޙައްދަ ދިޔައެވެ. ރަސްގެފާނު ތުރުކުރެއްވީ މިނިސްޓަރެއްގެ ހާދިމެއްގެ ހެދުންކޮޅެވެ. މިގޮތަށް މިވެރިން ރަށްފުށު ސަރަޙައްދަށް ގޮސް އެރޭގެ ކެއުމަށް ރެސްޓޯރެންޓަކަށް ދިޔައެވެ. މިނިސްޓަރ ގޮނޑީގައި އިށީނުމުން އޭނާގެ ހާދިމެއްގެ ގޮތުގައި ހުރި ރަސްގެފާނު މިނިސްޓަރ ކައިރީގައި ކޮޅަށް މަޑުކޮށްލައިގެން ހުއްޓެވެ. މިމަންޒަރު ފެނިފައި ހުރިހާ މިނިސްޓަރުން ކަންބޮޑުވުން މޫނު މަތިން ފާޅުކުރަން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކަށް ރަސްގެފާނަށް އިޙްތިރާމް އަދާކުރާކަށް ނުކެރުނެވެ.

މިހެން އެންމެން ތިއްބާ ރަސްގެފާނު ސައިކުރާއެއް ހިއްޕަވައިގެން އައިސް މިނިސްޓަރަށް ސައި އަޅާދޭން ފެއްޓިއެވެ. އެވަގުތު މިނިސްޓަރ ހަދާނެ ގޮތް ހުސްވެ ރަސްގެފާނަށް ޝުކުރު އަދާކުރާނެ ގޮތަކާއި މެދު ވިސްނަން ފެށިއެވެ. އެވަގުތު އެމިނިސްޓަރަށް މޮޅު ބުއްދިއެއް އައެވެ. އެވަގުތު އޭނާގެ ކަނާތު އިނގިލިތައް މުއްކަވާލެއްވުމަށް ފަހު ބާރަށް މޭޒުމަތީގައި އިނގިލިތަކުން ޖެހިއެވެ. މިމަންޒަރު ފެނިފައި ހުރިހާ އެންމެން ހައިރާން ވެފައި ތިއްބެވެ.

އެރޭގެ ކެއުމަށްފަހު މިނިސްޓަރ ކަންތައް ކުރެއްވި ގޮތާއި ބެހޭގޮތުން އެހެން މިނިސްޓަރުން ސުވާލު ދެންނެވުމުން އޭނާ ދެންނެވިއެވެ. ރަސްގެފާނަކީ އޭނާގެ ހާދިމު ކަމުގައި ވިޔަސް ރަސްގެފާނަަށް އިޙްތިރާމާއި ޝުކުރު ދަންނަވަން އޭނާ ބޭނުންވީ އެވެ. އެހެހްކަމުން އެގޮތަށް މޭޒުމަތީގައި އިނގިލިތަކުން ޖެހުން މާނަ ކޮށްދެނީ އޭނާ ރަސްގެފާނަށް އިޙްލާސްތެރި ޝުކުރެއް އަދާކުރީކަމަށެވެ.

މިވާހަކަ އަޑު އިވިފައި ރަސްގެފާނު އެކަން ހެޔޮ ހިތުން ބަލައިގެންނެވި އެވެ. އަދި އެއާދަ ގަނޑުވަރު ތެރޭގައި އާއްމުވެ ފަހުން ޗައިނާގެ ސަގާފަތަކަށްވީ އެވެ.

އެހެންކަމުން ޗައިނާ މީހަކު އެގޮތަށް މޭޒުމަތީގައި އަތުން ޖަހައިފިނަމަ އެއީ އެމީހަކު ޝުކުރު އަދާކުރުމުގެ ގޮތުން ކުރި އަމަލެކެވެ. އެއްވެސް ހާލެއްގައި ރުޅިވެރިކަމުގެ އަމަލެއް ނޫނެވެ.