ބައިނަލް އަގުވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުސަތު ދިވެހިންނަށް އެބައޮތް ކަމަސް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޔޫއޭއީގައި ތިބި ދިވެހިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަނގަޅު ތައުލީމާއި ތަމްރީނު ހޯދައިގެން ނިކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މިއީ މިހާރު އެމަނިކުފާނު ޔޫއޭއީއަށް 4 ދުވަހަށް ވަޑައިގެން އެޤައުމުގައި ތިބޭ ދިވެހީންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
“އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިން ވަޒީފާ އަދާކުރާ ކުރުމުން ދައްކުވައިދެނީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުޞަތު އޮތްކަން،” ޔޫއޭއީ ގައި ތިބި ދިވެހިންނާ މިރޭ ބައްދަލުކޮށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެގެން ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނީ ހަމަތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ހަމަޔާއި އިންޞާފަށް ބޯލަނބާ ކޮންމެ ޤައުމަކާއެކު ގުޅުން ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ޔޫއޭއީގެ ވަލީއަހުދު އަދި ޑެޕިޔުޓީ ސުޕްރީމް ކޮމާންޑާ އޮފް ދި އާމްޑް ފޯސަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާއި ފޮރިން މިނިސްޓަރާއިވެސް ބައްދަލުކުރެއްވިއެވެ.އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ “ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް” އެވޯޑް ހަފްލާ އާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.