ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމުގެ ވާހަކައަކީ ވަރަށް ދިގު ތާރީޚެއް އޮތް ވާހަކަތަކެކެވެ. މިވާހަކަތައް އެންމެ ބޮޑަށް ދެކެވެންފެށީ މީގެ 15 ވަރަކަށް އަހަރު ކުރީންނެވެ. އޭރު ދެކެވެންފެށި ވާހަކަތަކާއި ގުޅިގެން ގިނަ ކަންތައްތަކެއް ވުޖޫދަށް އައިސްފައިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމުއިއްޔާއެއް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އުފެދުމެވެ. އެދުވަސްވަރު މިކަމުގައި ހަރަކާތްތެރިވި ބައެއްބޭފުޅުންގެ ބުރަމަސައްކަތުންނާއި ކުރެވުނު އިހްތިޖާޖާއިއެކު މިޖަމުއިއްޔާ އުފަންވުމާއި ގުޅިގެން އެއާއި ވިދިގެން ވަޒީފާއާއިބެހޭ ގާނޫނެއްވެސް ތަޢާރަފުކުރެވުނެވެ. އަދި ވަޒީފާއާއިބެހޭ ގާނޫނާއި އެކު ވަޒީފާއާއި ބެހޭ މައްސަލަތައް ބެލުމަށް ލޭބާ ޓްރައިބިއުނަލެއް އުފައްދާފައިވެއެވެ. މިހާރު އާންމުކޮށް ދިމާވާ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމުގެ ކޮންމެވެސް ކަހަލަ ނިޒާމެއް ގާއިމުކުރެވިފައި އެބައޮތެވެ. ނަމަވެސް ވަޒީފާއާއި ބެހޭ ގާނޫނަކީ އާންމުކޮށް ހުރިހާ ވަޒީފާއަކަށް ބަލައިގެން ގެނެވިފައިވާ ގާނޫނަކަށް ވާތީ ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނުވެއެވެ. ހަމައެއާއިއެކު އޭރު މިކަމުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކުން ސިޔާސީ ދާއިރާއާއި ގުޅިފައިވުމުން މިދެންނެވި މުވައްޒަފުންގެ ހައްގުތަކާއި މެދު ވަކާލާތުކުރުމަށް ވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައެވެ. އެހެން ކަމުން ގާނޫނުގައި ބަޔާންކޮށްފައި ހުރި ހައްގުތައްވެސް ރިޒޯޓުތަކުގެ މުވައްޒަފުންނަށް ލިބެމުން ނުދެއެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ އެންމެބޮޑު ޝަކުވާއަކީ ގާނޫނާއި އެއްގޮތަށް އެމީހުންނަށް މުސާރައާއި ސާވިސް ޗާޖު ނުދިނުމުގެ މައްސަލައެވެ. ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ނެގިނަމަވެސް ގާނޫނުގައި ބުނާގޮތަށް އޭގެ %90 މުވައްޒަފުންނަށް ބަހަމުން ނުގެންދެއެވެ. އަދި ސާވިސް ޗާޖު އެރިސޯޓެއްގެ ގެސްޓުން އަތުން ނެގިނަމަވެސް ހިސާބުކުރާއިރު ސާވިސް ޗާޖު ގިނައިން ލިބިފައިހުރި ދާއިރާތައް ނުހިމަނައި ބައެއް ރިސޯޓުތަކުން ހިސާބުކުރެއެވެ. މިވަރަށް އޮޅުވާލައިގެންވެސް ސާވިސް ޗާޖުގެ ގޮތުގައި ބަހަން ނިންމާ އެތިކޮޅުވެސް ހައެއްކަ މަސް ފާއިތުވެގެން ދާއިރުވެސް ނުލިބިއޮވެއެވެ. މުސާރަ ދިނުމުގައި ވެސް ކުޑަ ކުޑަ މުސާރައަކަށް މުވައްޒަފުން ނަގައިގެން މަސައްކަތް ކުރުވާއިރު ގާނޫނުގައި ވާގޮތަށް އިތުރު ގަޑީގައާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރުވައިގެން އެމުވައްޒަފުންނަށް ފައިސާދެނީވެސް މަދު ރިސޯޓަކުންނެވެ. މުވައްޒަފުންނަށް މަހުން މަހަށް އަސާސީ މުސާރަ ދެމުން ނުގެންދާކަމުގެ ޝަކުވާތައްވެސް މަދެއް ނޫނެވެ. އަދި ނުވިތާކަށް އެމުވައްޒަފުންނަށް ހައްގުވާ ޗުއްޓީތަކާއި އޮފް ޑޭ ވެސް މުވައްޒަފުން ބޭނުންވާ ގޮތަށް ބޭނުންވާ އިރަކު ނުލިބެއެވެ. މިހާރު ރާއްޖޭގައި 100 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން އަންނަ އިރު މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ގާނޫނާއި އެއްގޮތަށް 10 ވަރަކަށް ރިސޯޓުންވެސް ނުދެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މީގެއިތުރުން ދެން މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ދިވެއްސަކަށް ވީތީ އޮންނަ ނަސްލީ ތަފާތު ކުރުމުގެ ވާހަކައެވެ. ޚާއްސަކޮށް ދިވެހިންގެ ބިމުގައި ދިވެހިންނަށް ނަސްލީ ތަފާތުކުރުމަކީ އެއްވެސް ދިވެއްސަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކަންތައް އޮތީ މިހެންނެވެ. އާއްމުކޮށް ދިވެހިންނަށް ލިބެނީ ރިސޯޓުތަކުގެ ދަށްފަންތީގެ ވަޒީފާތަކެވެ. ދިވެހިންގެ މައްޗަށް ލައިފައި ތިބެނީ އަވަށްޓެރި ގައުމުތަކުގެ މީހުންނެވެ. އެމީހުންގެ އަތުގައި މާމޮޅު ސަނަދެއް ނެތަސް އަދި މަސައްކަތެއް ނޭނގުނަސް މައްސަލައެއް ނެތެވެ. އެމީހުން މަސައްކަތް ދަސްކުރަނީ އެތަނެއްގަ އުޅޭ ދިވެހިން ކާރިންނެވެ. ނަމަވެސް ހާހުން ގުނާލެވޭވަރުގެ ބޮޑެތި މުސާރައާއި އިނާޔަތްތައް ހަމަޖައްސައިފައި އޮންނަނީ ބޭރުމީހުންނަށެވެ. އަދި މަދުފަހަރެއްގައި ދިވެއްސަކަށް މަތީ މަގާމެއް ލިބުނަސް އޭނާއާއި އެއްފެންވަރެއްގެ މަގާމެއްގައި ހުންނަ ބޭރުމީހާއަށް ލިބޭ މުސާރައާއި އެލަވަންސް ދިވެހި މުވައްޒަފަށް ނުލިބެއެވެ. ބޭރުމީހުންނަށް ޚާއްސަކޮށް ހަމަޖައްސައިދޭ އިނާޔަތްތަކަށް ބަލާއިރު އަހަރަކު ދެކޮޅު ޓިކެޓު ދިނުމާއި ސިންގަލް އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމާއި ބޭސްފަރުވާ ހަމަޖައްސައި ދިނުމާއި ރެސްޓޯރަންޓާއި ބާ އެލަވަންސް ދިނުމާއި މިނޫނަސް ތަފާތު އެލަވަންސްތައް ހަމަޖައްސައިދެވެއެވެ. ދިވެހި މުވައްޒަފުންނަށް މިއިން އެލަވަންސެއް ހަމަޖެހުނަސް ހަމަޖެހޭނީ އެތައް ތަކުލީފެއް އުފުލައިގެންނެވެ. އަދި ހައްގުތައް ހޯދަން މަސައްކަތްކުރާ ދިވެހިން ފާހަގަވެފައި އޮންނަނީ ޝަކުވާބޮޑު ބައެއްގެ ގޮތުގައެވެ.
ނަސްލީ ތަފާތުކުރުމުގެ މައްސަލަ މިހާބޮޑުވެގެން އުޅޭ ސަބަބަށްވެސް ބަލައިލުމަކީ މުހިއްމުކަމެކެވެ. ދިވެހިންނަކީ މިސަރަހައްދަށް ބެއްޔަސް ވަރަށް ވިސްނުންތޫނު ބައެކެވެ. އަދި ދިވެހިންނަށް ލިބިފައިވާ ސަނަދުތަކަކީ ދުނިޔޭގެ ފެންވަރުގެ ސަނަދުތަކެކެވެ. ނަމަވެސް ގަބޫލުކުރެވޭގޮތުގައި ދިވެހި މުވައްޒަފުން ގެންގުޅުމަށް ދިވެހި ވިޔަފާރިވެރިން ޖެހިލުންވަނީއެވެ. އެމީހުންނަށް ލިބޭ އާމްދަނީއާއި އެހެނިހެން މައުލޫމާތުތައް ދިވެހި މުވައްޒަފުންނަށް އެނގިދާނެތީކަމަށްވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާއިހެދި ނަމަވެސް ބޭރުމީހުންނަށް އިސްކަންދީ އެމީހުންގެ އަތްމައްޗަށް މުޅިވިޔަފާރި އޮންނަނީ ދޫކޮށްލާފައެވެ. އެގޮތުން ރިސޯޓުތަކުގެ އެކައުންޓިންގް ދާއިރާ ކޮންޓްރޯލުކުރަނީ އެކައުންޓެންޓުން ގިނަ އަވައްޓެރި ގައުމެއްގެ ރައްޔިތުންނެވެ. އެހެންނަމަވެސް ރާއްޖޭގައިވެސް އިނގިރޭސި ވިލާތުން ޗާޓަޑް އެކައުންޓެންޓްކަމުގެ ސަނަދުނަގައިގެން ތިބި ދިވެހިންވެސް މަދެއް ނޫނެވެ. ހަމައެހެންމެ ހިއުމަން ރިސޯސަސް އާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ކޮންޓްރޯލުކުރަނީ އަވައްޓެރި، އެންމެބޮޑު އާބާދީއެއް އޮންނަ ގައުމުގެ ރައްޔިތުންނެވެ. ދިވެހިންގެ އަތުގައި އެދާއިރާތަކުން ކިތަންމެ މޮޅު ސަނަދުތަކާއި ގިނަ ތަޖުރިބާތަކެއް ހުއްޓަސް އެއިން މަގާމެއް ލިބޭގޮތެއް ނުވެއެވެ. އަދި ގެންނަ ބޭރުމީހާ ރާއްޖެ އައިސް ކޮމްޕިއުޓަރު ބޭނުންކުރަން ދަސްކުރަން ޖެހުނުކަމުގައި ވިޔަސް އެމަގާމުތަކައް ހޮވެނީ ބޭރުމީހުންނެވެ.
އަޅުގަނޑުގެ ރައްޓެއްސެއްގެ ފަރާތުން އެނގުނުގޮތުގައި އޭނަ (އޭނައަކީ ދެދާއިރާއަކުން ތައުލީމު ހާސިލުކޮށްގެން ޑިޕްލޮމާއަކާއި ޑިގްރީއެއް އޮތް އަދި އެކިދާއިރާތަކުން 20 އަހަރުގެ މަސައްކަތުގެ ތަޖުރިބާހުރި މީހެއް) ރިސޯޓުތަކުގެ މެދުފަންތީގެ ދުއިސައްތައަށްވުރެ ގިނަ ވަޒީފާއަށް އެޕްލައިކޮށްގެންވެސް އޭގެތެރެއިން މަދުތަނަކުން ލިބުނު އޮޓޮމެޓިކް ރިޕްލައި ފިޔަވައި އިތުރު އެއްވެސް ޚަބަރެއް އެއިންތަނަކުން ނުވިއެވެ. އެނގޭހައިވެސް ކަމަކީ، ރިސޯޓުތަކަކީވެސް އަމިއްލައަށް ހުރިހާކަމެއް އިންތިޒާމްކޮށްގެން ހިންގާ ތަންތަނަށްވާތީ، އެފަދަ މީހަކަށް އަދާކުރެވޭނެ ކޮންމެވެސް ކަހަލަ ވަޒީފާއެއް އެއިންތަނެއްގައި ނެތުމަކީ ނާދިރުކަމެއްކަމެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމުގެ ވާހަކައަކީ އަޅުގަނޑުމެންނަށް ވަރަށް ކުރީއްސުރެ އަޑުއިވެމުންދާ ވާހަކައެކެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރުވެސް މާބޮޑު އެދެވޭ ހައްލެއް އެމައްސަލަތަކައް ލިބިފައިނުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ސިޔާސީ ޕާޓީތައް އުފެދުމަށްފަހު މަސްލަހަތު ފުށުއަރާ ވިޔަފާރިވެރިންގެ ނުފޫޒު މަޖިލީހަށާއި ކަމާއިބެހޭ އިދާރާތަކައްވެސް ފޯރާފައިވުމެވެ. އެހެންކަމުން ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށްޓަކައި މިސަރުކާރުން ކުރަންޖެހޭ މަސައްކަތްތައްވެސް ފަސޭހަވެދާނެކަމަށް ނުބެލެވެއެވެ. ސަބަބަކީ ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމުގެ ކުރިން މިސަރުކާރަށް ކުރަންޖެހިފައި މިއޮތީ ދިވެހިންގެ ހައްގުތައް ހޯދައިދިނުން ކަމަށްވާތީއެވެ. ދިވެއްސަކަށް ރިސޯޓަކުން ވަޒީފާއެއް ހޯދުމަކީ މިހާރު އެހައި ފަސޭހަކަމެއް ނޫނެވެ. އާބާދީބޮޑު އަވަށްޓެރި ގައުމެއްގެ ރައްޔިތުން ކޮންޓްރޯލުކުރާ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި ތިބޭ މީހުން، އެމީހުންގެ އާއިލީ މީހުންނާއި ރައްޓެހިންނާއި އެހެނިހެން މީހުންނަށް، ރާއްޖޭގައި އޮތް ސަތޭކައެއްހާ ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައި ދިވެހިންނަށް ދޭނެ ވަޒީފާއެއް ނޯވެއެވެ. ދިވެއްސަކަށް މިއަދު ވަޒީފާއެއް ލިބުނަސް ލިބެނީ އެއިން “އެޖެންޓެއް” މެދުވެރިވެގެންނެވެ. ދިވެހިން އާންމުކޮށް އަދާކުރާ ވެއިޓަރުކަމާއި ރޫމްބޯއިކަންވެސް މިހާރު ކުރަމުން ގެންދަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރައްޔިތުންނެވެ. އަދި އެންމެ އާދައިގެ މަސައްކަތުމީހުންގެ ވަޒީފާވެސް މިއަދު ދެމުންގެންދަނީ ރާއްޖެއަށް ގެނެސްފައިވާ ލޭބަރުންނަށެވެ. ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރަން ދިވެހިން ބޭނުންނުވާ ހިސާބަށް މިއޮތީ ގޮސްފައެވެ. “ރަންބިސް އަޅާ ކުކުޅު” ގެންގުޅޭމީހާއަށް އެކުކުޅު އަޅާ ރަންބިހެއް ނުލިބެއެވެ.
ވުމާއެކު މިސަރުކާރުން ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރާނަމަ އެންމެ ފުރަތަ ދިވެހިންނަށް ރިސޯޓުތަކުން ވަޒީފާގެ ފުރުޞަތު ތަނަވެސްކޮށްދޭންޖެހެއެވެ. ބޭރުމީހުން ގެންނަން ކޯޓާދިނުމުގެ ކުރިން ކަމާއިބެހޭ އިދާރާއަކުން ވެރިފައިކޮށްފައިވާ ސިސްޓަމެއްގައި އިއުލާނުކުރާގޮތަށް ހަމަޖައްސައި އެވަޒީފާތަކައް އެޕްލައިކުރަނީ ކިތައް ދިވެހިންތޯ ބެލޭނެ ނިޒާމެއް ހަމަޖައްސަންޖެހެއެވެ. އަދި އިއުލާންކުރާ ވަޒީފާތަކަށް ޝަރުޠު ހަމަވާ ދިވެހިން ތިބި ނަމަ ކޯޓާ ނުދިނުމާއި އަދި ގެންނަ ބޭރުމީހާއަކީ ދިވެހިންނަށްވުރެ ކޮލިފައިމީހެއްތޯ ބެލޭނެގޮތް އޮންނަންޖެހެއެވެ. ހަމައެއާއި އެކު ރިސޯޓުތަކުން ކަންކުރަމުން ގެންދަނީ ރާއްޖޭގައި އެކަމަށް ހެދިފައިހުރި ގާނޫނާއި ގަވާއިދާއި އެއްގޮތަށްތޯ، ގަވާއިދުން ބަލަމުން ގެންދަންޖެހެއެވެ. އަދި ގަވާއިދުތަކައް ބޯނުލަނބާ ފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅުއަޅަންޖެހެއެވެ. ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މިސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކުގެ އޮޅުންބޮޅުން ބޮޑުކަމުން މިސަރުކާރަށްވެސް މިކަމުގައި އެދެވޭ ކާމިޔާބީއެއް ހޯދިދާނެކަމާއިމެދު ސުވާލުއުފެދެއެވެ. ނަމަވެސް މިކަމާއިމެދު މިއަދު އަޅުގަނޑުމެން އަޅާނުލައި ދޫކޮށްލައިފި ނަމަ، ވޯރާ ވިޔަފާރިވެރިންގެ ފަރާތުން މިގައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނުތަނަވަސްކަމަށްވުރެ ބޮޑު އިމްތިހާނަކާއި އަޅުގަނޑުމެން ކުރިމަތިލާންޖެހުމަކީވެސް ދުރުކަމެއްނޫނެވެ.