ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން ހިނގާ އެއް ޤައުމަށް ވެފައިވާއިރު މިޤައުމުގެ އިޤްތިސާދުގެ އެންމެ ބޮޑު އެއް ރައުސުލްމާލަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމުގައި އެއް ރިސޯޓުން އަނެއް ރިސޯޓާ ވާދަކުރަމުންދާއިރު މިކަމުގެ ފައިދާ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ކުރެއެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ރިސޯޓްތަކުގެ ސާވިސްޗާޖްގެ މައުލޫމާތު އާންމުކުރާ ވެބްސައިޓަކުން ހާމަކުރާގޮތުން މިދިޔަ އަހަރު އެންމެ ބޮޑު ސާވިސް ޗާޖެއް ލިބިފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.
ނޫނު އަތޮޅުގައި އޮންނަ މި ރިސޯޓަށް މާލެއިން ސީޕްލޭންއިން 40 މިނެޓުން ދެވެއެވެ.ސާވިސްޗާޖުގެ މައުލޫމާތު ހިއްސާކުރި ވެބްސައިޓުގެ ތަފާތުހިސާބުތައް ދައްކާގޮތުގައި 2018 ވަނަ އަހަރު ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި މަސައްކަތް ކުރި ކޮންމެ މުއައްޒަފަކަށް އެވްރެޖު ގޮތެއްގައި މަހަކު 1،343.62 ޑޮލަރު (20،718.62ރ.) ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވެއެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ “މޯލްޑިވްސް ސާވިސް ޗާޖް” ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި ލިސްޓުގެ ދެވަނާގައި އޮތީ އެ އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑެވެ. އެގޮތުން މަތީ ފެންވަރުގެ، ހިތްގައިމު ވެލާފައި މަސައްކަތް ކުރި މުވައްޒަފުންނަށް އާންމު ގޮތެއްގައި މަހަކު 1،101.59 ޑޮލަރު (16،986.52ރ.) ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވެއެވެ.
ސާވިސް ޗާޖުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ލިސްޓުގެ ތިން ވަނަ ލިބެނީ ވަން އެންޑް އޮންލީ ރީތި ރަށަށެވެ. އެގޮތުން އެ ރިސޯޓުން އެވްރެޖު ގޮތެއްގައި މަހަކު 937.92 ޑޮލަރު (14،462.72ރ.) ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޫކުރި އެވެ.
އިތުރު ރިސޯޓުތަކުން އާންމުކޮށް ދޫކޮށްފައިވާ ސާވިސް ޗާޖު:
– ފޯ ސީޒަން ރިސޯޓް، މަހަކު 927.69 ޑޮލާރު
– ސެއިންޓް ރެޖިސް ވޮއްމުލި، މަހަކު 917.63 ޑޮލަރު
– އަނަންތަރާ ކިހަވައް ވިލާސް، މަހަކު 914.98 ޑޮލަރު
– ދަސްތީ ތަނި މޯލްޑިވްސް، 787.33 ޑޮލަރު
– ޑަބްލިއު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް، މަހަކު 738.90 ޑޮލަރު
– ނިޔާމަ މޯލްޑިވްސް، މަހަކު 716.73 ޑޮލަރު
– މިލައިދޫ އައިލެންޑް، މަހަކު 711.20 ޑޮލަރު