English Edition
Dhivehi Edition

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ގޭބަންދުގައި ހުންނަވަނިކޮށް އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިރުޝާދުތަކާ ޚިލާފަށް ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމުން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ގައިދީއެއް ނުވަތަ ބަންދުގައިވާ މީހެއްގެ ސިއްހީ ހާލަތާއި ގުޅިގެން ގޭ ބަންދަށް ބަދަލު ކުރެވުފައިވާ ފަރާތްތަށް ދައުލަތުގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިޔުމުގެ ކުރިން ގައިދީ ނުވަތަ ބަންދު ކުރި މީހާގެ ސިއްހީ ހާލަތު ކަށަވަރު ކުރުމަކީ އިންސާނީ ނަޒަރިއާއިން ބަލާނަމަ މުހިންމު ކަމެއް ކަމަށް މި ކަމިޝަނަށް ފެންނަ ކަމަށެވެ.،

އަދި އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބެލި ބެލުމުން ، އައިޖީއެމްއެޗުގެ ޔޫރޮލޮޖީގެ ހާއްސަ ޑޮކްޓަރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ކަރެކްޝަން ސާވިސް އިން އަމަލުކޮށްފައި ނުވާ އެނގޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެޗްއާރުސީއެމް އިން ކުރި ތަހުގީގުގައި ބުނެފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު އަދީބުގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށް ފަރުވާ ދިނުމަށް ފަހު ޑިސްޗާޖް ކުރިއިރު ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދީފައިވާކަމަށެވެ.

އަދީބަށް ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގެ “ޑިސްޗާޖް ސަމަރީ ” ގައި އައިޖީއެމްއެޗްގެ ޔޫރޮލޮޖީ އަށް ހާއްސަ ޑޮކްޓަރު ” ފިޒިކަލް އެކްޒާޝަން ފޯ މަންތްސް , ސްޓްރެސް ފްރީ އެންވަރަމެންޓް އެންޑް ފެމެލީ ކެއަރ ފޯ 4 to 6 ވީކްސް ” މިހެން ބުނެފައިވެއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އިތުރުން ހުކުމް ތަންފީޒު ކުރާ މީހުން އަމަލުކުރަން ޖެހޭ މެޑިކަލް ގަވާއިދާއި ހަވާލާދީ އެޗްއާރުސީއެމްގެ ސިޓީގައި ބުނެފައި ވަނީ، ގައުދީ ނުވަތަ ބަންދުގައިވާ މީހެއްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ފަރުވާދޭ ޑޮކްޓަރު ވަކި ގޮތަކަށް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަކީ ކަރެކްޝަންގެ ޒިންމާއެއް ކަމުގަ އެވެ.

އެޗްއާރުސީއެމް އިން މިހެން ބުނެފައިވާއިރު މި މަހު ދެވަނަ ދުވަހު ގޭ ބަންދަށް ޑޮކްޓަރުން ދިން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ އަދީބު ވަނީ ކަރެޝަންގެ ބެލުމުގެ ދަށުން އަބުރާ ޖަލަށް ގެންގޮސްފައެވެ.

ގޭބަންދުގައި ހުންނެވިއިރު އަދީބު ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީއަށް ސޮއި ކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ވެސް އަދީބު ވަނީ އައްޔަން ކޮށްފަ އެވެ.