English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސް ވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ދެކުނުގެ އަތޮޅު ތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދުގެ ހެނދުނުން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ.

ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަލު އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މިގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމައިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މެންދުރުފަހުން މެދުތެރޭގެ ބައެއްރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. ނަމަވެސް އުތުރު އަތޮޅުތަކަށް ވަރޭވެހުމުގެ ފުރުސަތު ކުޑަ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ އިދާރާ އިން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްއިރު އުތުރާއި އިރުން ގަޑިއަކު15 -23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގަ ވައިޖެހޭ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ..