English Edition
Dhivehi Edition

އިތުރު ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަންގެ ހުއްދަ ހޯދުމަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ދެ ޕާޓީ އުފައްދަން ހުށަހަޅާފައިވަނީ ކަރިސްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި އާއި ނެޝަނަލް ރިފޯމް ޕާޓީގެ ނަމުގައި ކަމަށެވެ.

ކަރިސްމާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިފައިވަނީ މ. ކެލަމް މުހައްމަދު އިސްމާއިލްގެ ނަމުގަ އެވެ. ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ފޭދޫ، އިނގުރުމާގޭ، މުހައްމަދު ދީދީގެ ނަމުގަ އެވެ.

ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް ހުށަހެޅުއްވި، ޝައިހު މުހައްމަދު ދީދީ އަކީ މީގެ ކުރިން އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރެކެވެ. މީގެ އިތުރުން މުހައްމަދު ދީދީ އަކީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެބޭފުޅާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތް ތަކުގައި ވެސް ޑރ. ޝަހީމް އާއިއެކު މަސައްކަތް ކުރައްވާފައެވެ.

ކަރިސްމާ ޕާޓީއާއި ނެޝަނަލް ރިފޯމް ޕާޓީގެ އިތުރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާއި ގައުމީ ވިންދު އުފައްދަން ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުއްދަ ދީފަ އެވެ. މީގެއިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކުރުމުން އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ކުރިން 300 މީހުންނާ އެކު ބާއްވަންޖެހޭ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދީފަ އެވެ.