English Edition
Dhivehi Edition

ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން އޮންލައިން ޕޯޓަލްއެއް ހުޅުވައިފިއެވެ.

‘ރައްޔިތުންގެ ޚިޔާލު’ގެ ނަމުގައި ހުޅުވި މި އޮންލައިން ޕޯޓަލް ރަސްމީކޮށް އިފްތިތާހު ކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމެއްގަ އެވެ. ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އެކްޓިން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެ ބައްދަލުވުމުގައި ޑެޕިއުޓީ ކަމިޝަނާ އަބްދުލް މަންނާން ޔޫސުފާއި އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އޮންލައިން ޕޯރޓަލް އިފްތިތާޙުކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މިޕޯޓަލް މެދުވެރިކޮށް ފެބްރުވަރީ 15އާއި ހަމައަށް ހުށަހެޅޭ ޚިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުމުގައި ބޭނުންކުރެވިގެންދާނެ ކަމަށެވެ. އަދި އޭގެފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމަށާއި، އެގޮތުން ހުށަހެޅޭ ޚިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިކަމަށް މައުލޫމާތު ލިބެއެވެ.

ޕޮލިސްލައިފްގައި ހާމަކޮށްފައިވާގޮތުގައި އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓް www.police.gov.mv އަދިwww.policelife.mv ގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާ ޚިޔާލުތައް ހުށަހެޅޭނެއެވެ.

ރައްޔިތުންގެ ޚިޔާލާއި އެކު ފުލުހުންގެ ހިދުމަތް އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ވައުދު ވެފައިވާ ކަމެކެވެ