މާލޭގައި އައު ޕާކިން ޒޯނެއް ހުޅުވައިފިއެވެ.
މުޅިން އަލަށް ހުޅުވި މިޕާކިންޒޯން ހަދާފައިވަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ ކައިރީގައި އޮންނަ ހުސް ބިމުގައެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި މާލެސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަލަށް ހުޅުވި މި ޕާކިންޒޯނަކީ ދެ ފުރޮޅުލީ ދުއްވާ އެއްޗިއްސަށް ޚާއްސަކޮށް ހުޅުވާފައިވާ 200 މޮޓޯސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްކަމަށެވެ.
ހައުސިންގ މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ތަރައްޤީކުރި މި ޕާކިންގ ޒޯން ވެލާނާގޭ ސަރަހައްދުގައި ހެދުމަށް މާލެސިޓީ ކައުންސިލުން ނިންމީ އެ ސަރަހައްދުގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުރުމުން އެ އޮފީސްތަކުން ޚިދުމަތް ހޯދާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
މާލެސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓާއި ގުޅިން އާންމުންގެ ގިނަބަޔަކުދަނީ މިކަމަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުންގައި ޕާކިންޒޯންތައް އިތުރު ކުރުމަކީ އަދި ޕާކުކުރުމުގެ މައްސަލަ ހައްލުކުރެވޭނެ ގޮތެއްނޫނެވެ.
މާލޭގައި ވެހިކަލްތައް ގިނަވެ ޕާކް ކުރުމަށް ދަތިތަކެއް ދިމާވެފައިވާއިރު، އެކަން ހައްލު ކުރުމަށްޓަކައި މާލެސިޓީ ކައުންސިލުންދަނީ ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ކައުންސިލުން ވަނީ މީގެކުރިން މެކޭނިކަލް ޕާކިންގ ސިސްޓަމެއް ބަހައްޓައިގެން އެކަންވެސް ތަޖުރިބާ ކޮށްފައެވެ.