ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން މިއަދު ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން 1،374 ޕާކިން ޖާގައަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި ޕާކިން ޖާގައަށް އެދި ހުށަހެޅޭނީ މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަ މީހުންނަށެވެ. ޕާކިން ހޯދަން ހުށަހަޅާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭއުމުރުން 18އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ވިދާޅުވީ ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށެވެ. އެއަށްފަހު، (ހުޅުމާލެ ފިޔަވައި) މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި ދެ ކެޓަގަރީންވެސް ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބަކީ؛
އެޗްޑީސީ އިން ވިދާޅުވީ ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
ޕާކިން ޖާގައަށް އެދި ފޯމު ހުށަހެޅޭނީ މި މަހުގެ ނިޔަލަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމުތައް ބަލައިގަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.